ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

މި ދެ މެމްބަރުންވެސް މިހާތަނަށް ތިއްބެވީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައެވެ،

މިއަދު ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި މެންބަރު މުބީން އަދި މެންބަރު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވާއިރު، މި ދެ މެންބަރުން ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

ގާރީ ރަޝީދު ޖޭޕީ އަށް ސޮއިކުރައްވަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

މި ދެ މެންބަރުން ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިއަދު ޖުމުހޫރީ ޕާަޓީ އާއި ގުޑިވަޑައިގަތް ދެ މެންބަރުންނަށް ޝުކުރު އަދާކުރާ ކަމަށާއި ދިވެހި ރާއްޖޭގެ މަސްރަހު ބަދަލުވަމުން ދާއިރު 23 ސެޕްޓެމްބަރުގެ ފަހުން ރާއްޖެ އަށް އަންނަ ހެޔޮބަދަލު ފެންނަމުންދާ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅާއި އެކު މި ޕާޓީ އަށް ކުރިއެރުން ލިބެމުންދާއިރު، އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަށް މި ޕާޓީއާއި ގުޅިވަޑައިގަންނަވާ މަންޒަރު މިދަނީ ފެންނަމުން. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާ ގޮތެއްގައި މި ޕާޓީއަށް މެންބަރުން ގުޅިވަޑައިގަންނަވާ މަންޒަރު މެދުކެނޑުމެއް ނެތި ދާނީ ފެންނަމުން " ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު މެންބަރު މުބީން ވިދާޅުވީ މިއަދު އިހްސާސް ކުރެވުނީ އަމިއްލައަށް ގެއަށް އެނބުރި އާދެވުމުގެ އިހްސާސް ކަމަށެވެ.

މެމްބަރު މުބީން ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

" އަޅުގަނޑުގެ ދާއިރާ ރައްޔިތުން ޖުމްހޫރީ ޕާޓީ ވަރަށް ބޮޑަށް ބަލައިގަނެ އަލުން ޖުމްހޫރީ ޕާޓީއާ ގުޅުނީ ދާއިރާގެ ރައްޔިތުން ވެސް އެގޮތް ބޭނުންވާތީ. އަޅުގަނޑު އަލުން އަނބުރާ ޖުމުހޫރީ ޕާޓީން ބަލައިގަތުމުން މި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޝުކުރު ދަންނަވަން" މެންބަރު މުބީން ވިދާޅުވިއެވެ.

މެންބަރު މުބީން މަޖިލީހަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. ނަމަވެސް މުބީން ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެ، ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މުބީން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ކެމްޕެއިން ވެސް ކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވި ހިސާބުން މުބީން ގެންދަވަނީ ޕީޕީއެމްގެ ބައެއް ނިންމުންތަކަށް ފާޑުވިދާޅުވަމުންނެވެ.

މި ރަސްމިއްޔާތުގައި ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އޭނާގެ ދާއިރާއަށް އިތުރު ތަރައްގީ ގެންނަން އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީއާ ގުޅުން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

މެމްބަރު ރަޝީދު ޖޭޕީ އަށް ސޮއިކުރެއްވި ފޯމު ހަވާލުކުރައްވަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

" ޖުމްހޫރީ ޕާޓީއަކީ މިވަގުތު އެންމެ ހަރުދަނާ، ހިންގުތެރި ލީޑަރު ހުންނެވި ޕާޓީ. ކުރިއަށް އޮތް ތަނުގައިވެސް ދާއިރާއަށް އިތުރު ތަރައްގީ ގެންނަން އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީއާ ގުޅުން ކަމަށް ގަބޫލު ކުރެވޭތީ އަޅުގަނޑު މިއަދު ޖުމުހޫރީ ޕާޓީއަށް ސޮއިކުރެއްވީ" މެންބަރު ރަޝީދު ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީއެއް ވިއްޔާ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީއަކީ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާ އިހްލާސްތެރި މަސައްކަތްތަކެއް ކުރާ ޕާޓީއެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު އިތުރު ދެ މެންބަރަކު ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވިއިރު އިއްޔެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ވެސް ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އަދި ގިނަ އަދަދެއްގެ އާއްމު މެމްބަރުން ވެސް އަންނަނީ ގުޅެމުންނެވެ. އެގޮތުން ދާދިފަހުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފާފު އަތޮޅު މީހާ

    މުބީން އަކީ ދެފުއް ދެގޮތް ކަމުގެ ލާމަސީލު މިސާލެއް. މިފަހަރު އަހަރެމެން ދޭނެ ވޯޓެއް ހަރާން ވާނެ މުބީން އަށް..

  2. ޏަން

    ކުލަ ބަދަލުވާ ބޯވަ. ފައިދާގަނޑެއް ހޯދުމުގެ ނިޔަތުގައި

  3. ށަގަރު

    ޖޭޕީކުނިޕާޓީ

  4. މަސްވެިރިޔާ

    ރިލޯޑްކޮށްލީދޯ... ކުރިއަށް 6 މަސްދުވަސް ރައްޔިތުންވިސްނާތި. މިއީ އެންޓި ޑިފެކްޝަން ޤާނޫނު އުވާލަން މިބޭފުޅުން ބޭނުންވިކަމީ.

  5. ފާތިމާ

    ތި މުޅިން މަކަރުވެރިން މުނާފިގުން??

  6. ހަސަން ޚަލީލް

    ޖޭޕީ އަކީ މިކާރު ކުނިހޮވާ "ވެމްކޯ"..... ތިކަަހަލަ ހުރިހާ ކުއްޏެއް ހޮވާފަ ބަހައްޓާ

  7. ފ.މަގޫދޫ

    އަމިއްލައަށް ގެއަށް އެނބުރި އާދެވުމުގެ އިހްސާސް
    މިހުރިހާ ދުވަހު އުޅުނީ ތަރަގީކުރަން ދެއްތޯ!!!!! ހާސަކޮއްއަމިރަށް
    1-ބިކޯކާހުއްޓުވާންލުން
    2-ޔާމިނު ސަރުކާރުން އިއްއުލަންކުރި ޑޮމެސްޓިކް އެއާޕޯޓްއަޅާ
    3-ޒުވާނުންނަ ހެދި ފުޓުސަލް ދަނޑު
    4-ފ.މަގޫދޫގެ ނަރުދަމާ
    5-ބިންހިއްކުން

  8. މީޙުން

    މަސް ދުވާނީ ފެން ބޮދު ދިމާ އަކަށް

  9. އަހުމަދު

    ހަޔާތުގެކަންފޮޅެއްވެސްނެއް މިފަހަރުސޮއިކުރީބައްޕައެއްފަދަމީހަކުބުނެެގެންނޭބުނާނެ ކީއްކުރާނީ މީވެސްގާރީއެއް

  10. އަބުދުﷲ

    ގާރީދެން މާބައިދޫން ވޯޓްލަލަލާ އިހުލާސްތެރިކަމެއްނެއް ދައުރުނިމެން މަދުދުވަސްކޮލެއްއޮތީ ދައުރުނިމުނީމަ ބޭނުންޕާޓީއަކައްބަދަލުވާންވީ އެއެއީބުއްދިވެރިންނަކީ މިހާރުއިގިއްޖެ ތިޔައީކާކުކަން ދެންނުހޮވޭނެ 100 ޕަސަންޓް

  11. ދޮންބެ

    މިމީހުން ތިމާޔަށް މޮޅުވާގޮތަށް ކޮންމެކަމެއް ކޮށްފަވެސް ބުނާނެ ރައްޔިތުންނަށް ޓަކައޭ.