ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް އިން ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން އެންޑޯޒް ކޮށްނުދިން މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުން ފަސްކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިރެޔެވެ. ނަމަވެސް އިދާރީ ސަބަބާ ހެދި ހުކުމް އިއްވުން މިހާރު ވަނީ ފަސްކޮށްފައެވެ. މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ.

ޕީޕީއެމް އިން ސެޕްޓެމްބަރ މަހުގެ 28 އަދި 29 ވަނަ ދުވަހު މާލޭގައި ޚާއްޞަގޮތުން ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވަނީ ޤާނޫނާއި، ގަވާއިދުތަކުގެ އިތުރުން ޢުޞޫލުތަކާ ޚިލާފަށް ބާއްވާފައިވާ ކޮންގްރެސްއަކަށް ވާތީއާއި، "އިޖުރާއަތުތައް" ފުރިހަމަ ވެފައި ނުވާ ކަމަށްބުނެއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ހައިކޯޓުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވެފައިވަނީ، ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ކުރިއަށްދިޔައީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެގޮތުން ކޮންގްރެސްގެ ކުރިން ބޭއްވި ކުއްލި ކައުންސިލު ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދުގެ ބައެއް މާއްދާތައް އުނިކުރަން ނިންމި ނިންމުމާއި، ކޮންގްރެސްގައި ވޯޓުލުމަށް އަމަލުކުރި ގޮތާއި، 4 ނައިބު ރައީސުން ހޮވުންވެސް ރަނގަޅު ނޫން ކަމަށް އީސީގެ ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕީޕީއެމްގެ މެންބަރުންގެ ދަފްތަރުގައި ނެތް އެތައް ބަޔަކު ކޮންގްރެސްގައި ވޯޓުލާފައިވުމާއި، ކޮންގްރެސްގެ ކުރިން އެ ކޮންގްރެސްގައި ހިންގާނެ ކަންކަން އިލެކްޝަނަށް ތަފްސީލުކޮށް ހުށަހަޅާފައި ނުވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވިއެވެ.

އިލެކްޝަންސްގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވީ، ކޮންގްރެސް ބަލައި ނުގަންނަން ނިންމި ސަބަބުތައް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ޕީޕީއެމް އަށް އަންގާފައި ނުވާ ކަމަށާއި، ކޮންގެރެސް ބަލައި ނުގަތް ސީދާ ސަބަބުތައް އިލެކްޝަނުން ސާފުކޮށްދެއްވީ ހައިކޯޓުގެ ޝަރީއަތުގައި ކަމަށެވެ. އަދި ޕީޕީއެމްގެ ޢާއްމު ކޮންގްރެސްތަކާއި، ޚާއްޞަގޮތުން ބާއްވާ ކޮންގްރެސް ތަފާތެއް ނުވާނެކަމަށް އިލެކްޝަނުން ބުނެފައިވަނީ އަސާސެއްގެ މައްޗަށް ނޫން ކަމަށްވެސް ޕީޕީއެމް އިން ހައިކޯޓުގައި ވިދާޅުވިއެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އިލެކްޝަންސް ކޮމިޝަނުގެ ވަކީލުންނަށް އަމާޒުވެފައިވާއިރު، މި މައްސަލައިގެ ހުކުމަށް ޕީޕީއެމްގެ އިތުރުން އެހެނިހެން ސިޔާސީ ލީޑަރުންވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Miadhu

    ދޭންބުނި އެތިކޮޅު އަދި އަތުގަ ނުޖެހެނީބާ؟

  2. މީޙުން

    ޕީ ޕީ އެމް ގެ ވޯތުތައް ވާގަށް ނަގާފަ ވެސް މަޔާހުކިތައް އަދިވެސް ފިއްތަނީދޯ ؟

  3. ތޯތާ

    ރުފިޔާ ކޮޅެއް ބަހައިގެން މައުމޫންއަށް ޕީޕީއެމް ދީ ކޮންށަރިޢަތެއް ކުރާކަށް ވަގުތު ވެސްޓު ނުކުރޭ

  4. ފަތޯ

    ކީއްކުރަންދިގުދައްމަނީ މިހާރުވެސް އެބައެގޭ ލިބޭނެ ޖަވާބު