ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާންގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުގެ އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އެސްޓީއޯގެ އެމްޑީގެ މަގާމުން ޝަހީރު އިސްތިއުފާ ދެއްވުމުން އެ ކުންފުނި ހިންގެވުން ހަވާލުކޮށްފައިވަނީ އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދުއާއެވެ. އަދި ފެނަކައިގެ ހިންގުން ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރުގެ މަގާމުގައި ހުންނެވި ހުސެއިން ހަމީޒު އާއެވެ. ނަމަވެސް އެމްޑަބްލިއުއެސްސީގެ ހިންގުން ހަވާލުކޮށްފައިވާ ފަރާތެއް ނިޒާރު ހާމަކުރައްވާފައެއް ނުވެއެވެ.

މި ތިން ބޭފުޅުންގެ އިތުރުން ވެސް ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާތީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރު ކުންފުނިތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުން މިއަދު ގެންދަވަނީ އިސްތިއުފާ ދެއްވަމުންނެވެ.

އެގޮތުން ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު އާޒިމާ ޝުކޫރު އާއި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޝޯޝަލް އެފެއާރޒްގެ މަގާމުގައި ހުންނެވި ގައްސާން މައުމޫން ވެސް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގިނަ އަދަދެއްގެ ބޭފުޅުންތަކެއް އިސްތިއުފާ ދެއްވަމުން ގެންދަވާއިރު، އަންނަ ހޮނިހިރު ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާމިދު ޝާހިދު

    ގައްސާނުގެ އަޑެއް އަދިކިރިޔާ މި އިވުނީ. މިއޮއްހާ ދުވަހުވެސް އޭނާ ބޮޑުބޭފުޅާ އެކު ހުންނެވީ ދެއްތޯ ސާބިތުކަންމަތީގައި، ބޭރުން ނުފެނުނުނުނަމަވެސް. އަވަހަށް ޕީޕީއެއްގެ ތެރެއިން މިހުރިހާ ބޭފުޅުން މަޖްލިހުގެ ގޮނޑިއެއް ހޯދަން މަސައްކަތް ކުރައްވާ. އިބޫގެ ސަރުކާރު ޖަވާބުދާރީ ކުރުވާ.

  2. ރާޅު ބޯއީ

    ޝުކުރިއްޔާ ޓީމު. ތިޔަ ޓީމު އަދި އަޅުގަނޑުމެންނާ ވަރަށް އަވަހަށް ބައްދަލޔވާނެ ކަމަށް އުއްމީދު ކުރަން.