ރާއްޖޭގެ އާބާދީ ކޮންމެ 100 މީހަކުން 33 މީހުންގެ ބޭންކް އެކައުންޓެއް ނެތް ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވާނަރު އަޙްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ބަޑޮސް އައިލޭންޑް ރިސޯޓްގައި މިހާރު ކުރިޔަށްދާ އޭޝިއަން ބޭންކިންގް އެޝޯސިއޭޝަން (އޭބީއޭ)ގެ 33 ވަނަ ބައްދަލުވުމުގެ ދެވަނަ ސެޝަން ހުޅުވުމަށް ބޭއްވި ޝެސަންގައި ވާހަކަ ދައްކަވަމުން ގަވާނަރު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބޭންކިންގްގެ ޚިދުމަތް ބޭނުން ކުރި ނަމަވެސް 18 އަހަރުން މަތީގެ ރާއްޖޭގެ އާބާދީގެ 33 އިންސައްތަ މީހުން ބޭންކްގެ ޚިދުމަތް ބޭނުން ނުކުރާ ކަމަށާއި ބޭންކް އެކައުންޓްއެއް މިމީހުންގެ ނެތް ކަމަށެވެ. މީގެ އިތުރުން ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވުމާއިއެކު ބޭންކިންގްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ މީހުން ބޭނުން ކުރުމަށް ދަތިތަކެއް ހުރި ކަމަށް ގަވާނަރުވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ގަވާނަރު ވިދާޅުވީ އިލެކްޓްރޯނިކްކޮށް ބޭންކްގެ މުޢާމަލާތްތައް އިތުރުވަމުން ދިޔަ ނަމަވެސް އަދިވެސް ރާއްޖޭގައި އެންމެ ގިނަ މީހުން ރުފިޔާ ޖަމާކޮށް ނެގުމަށް ބޭނުން ކުރަނީ ޗެކް ކަމަށެވެ. އަދި ރުފިޔާގެ މުޢާމަލާތްތަކުގައި މޯބައިލް ބޭކިން ބޭނުން ކުރާ މީހުންގެ ނިސްބަތްވެސް މަދު ކަމަށް ގަވާނަރ ވިދާލުވިއެވެ މީގެ އިތުރުން ޕެންޝަން ސްކީމް ފަދަ ސްކީމްތަކަށް ލިބޭ ފައިސާ ލިބޭ މީހުންގެ 96 އިންސައްތައަކީ ވަކިން ބޭންކްއެއްގައި އެކައުންޓް ހުންނަ ފަރާތްތަކެއް ކަމަށާއި އަދި ގިނަ މީހުންނަށް މިފައިސާ ފޯރުކޮށްދެން ޖެހެނީ ކަނޑު އުޅަދުގައި ބޭންކްގެ މުވައްޒިފުން އެރަށަކަށް ގޮސްގެން ކަމަށްވެސް ގަވާނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ބޭކިންގެ ޚިދުމަތް ދިނުމުގައި އައު ޓެކްނޮލޮޖީގެ ބޭނުން ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިކަން ކުރުމަށް މިހާރު ހެދިފައިވާ ޤަވާއިދުތަކާއި ރެގިއުލޭޓަރީ ފްރޭމް ވޯކަށް ބަދަލު ގެނެސްދެން ޖެހޭ ކަމަށްވެސް ގަވާނަރު ވިދާޅުވިއެވެ. ގާވާނަރު އިތުރަށް ވިދާޅުވީ ފައިނޭންޝިއަލް ސެކްޓަރއަށް ގެންނަ ކޮންމެ ބަދަލަކީ ވަރަށް ވިސްނުންތެރި ކަމާއިއެކު ދުރާލާ ވިސްނައިގެން ކުރަން ޖެހޭ ކަންތައްކެއް ކަމަށާއި ނޫންނނަމަ އޭޝިޔަން ފައިނޭންޝިއަލް ކްރައިސިސް، ދަ ޑޮކްކޮމް ބަބަލް އަދި ގްލޯބަލް ފައިނޭންޝިއަލް ކްރައިސިސް ފަދަ އިޤްތިޞާދީ އަދަވަޅަކަށް ވެއްޓިގެން ގޮސްފާނެ ކަމަށެވެ.

ގަވާނަރުގެ ވާހަކަފުޅުގައި، އަޙްމަދު ނަސީރު ވިދާޅުވީ، ބޭންކިންގެ ދުނިޔޭ މިއަދު ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ކަމަށާއި ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ބޭންކިންގްއަށް މިއަދު އެކްސެސް އޮންނަ ކަމަށެވެ. އަދި މުސްތަޤްބަލުގައި ބޭންކްގްގެ ޚިދުމަތް ހޯދަން އުމުރުން އެންމެ ފަހަރަކުވެސް ބޭންކްއަށް ނުގޮސް ޚިދުމަތްތައް ލިބޭނެ ގޮތް ވާނެ ކަމަށް ލަފާ ކުރެވޭ ކަމެވެ.

"ބޭންކިންގްގެ ދާއިރާގައި ތަރައްޤީ މިއަދު މިދަނީ އަންނަނަމުން. ބޭންކިންގް މިއަދު މިވަނީ ވަރަށް ފަސޭހަވެފަ. ބޭނުންތާކު، ބޭނުން ވަގުތަކު ބޭނުން ޑިވައިސްއެއް ބޭނުންކޮށްގެން މިއަދު ބޭންކިންގް ޚިދުމަތް ހޯދާލެވޭ. މުސްތަޤްބަލުގައި ބޭންކްއަށް ގޮސް ބޭންކްގެ ޚިދުމަތް ހޯދަން ޖެހޭ މާނައެއް އޮންނާނެ ހެނެއް ހިއެއްނުވޭ." އަޙްމްަދު ނަސީރު ވިދާޅުވިއެވެ.

އޭޝިއަން ބޭންކިންގް އެޝޯސިއޭޝަން( އޭބީއޭ) އަކީ 1981 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވުޖޫދަށް އައި އެސޯޝިއޭޝަންއެކެވެ. އެ އެޝޯސިއޭޝަންގެ މައިގަނޑު މަގުސަދަކީ އޭޝިއާގެ ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި އޭޝިއާގެ ބޭންކުތަކަށް ކުރިމަތިވެފައިވާ މައްސަލަތަށް ދެނެގަނެ ކަމާބެހޭ މާހިރުންގެ ލަފައާއި އެކު މަޝްވަރާގެ މޭޒުން އެކަން ކަމަށް އޮތް ހައްލު ހޯދައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް ބޭންކުތަށް އަހުލުވެރިކުރުވުމެވެ.