ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި، ހަގު ދަރިކަލުން ގައްސާން މައުމޫން ބައްދަލު ކުރައްވައިފިއެވެ.

މި ވަގުތު ބަންދުގައި ހުންނެވި ރައީސް މައުމޫނާއި ގައްސާން ބައްދަލު ކުރެއްވީ އިއްޔެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ދާދި ފަހުން ސަރުކާރުން ވަކިވެ ވަޑައިގެންފައިވާއިރު ރައީސް ޔާމީން ގެ ސަރުކާރުގައި މި ވަގުތު ހުންނެވި ރައީސް މައުމޫންގެ ހަމައެކަނި ބޭފުޅަކީ ވެސް ގައްސާން އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު