މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުންނަށް ވިލިމާލޭގެ ފަރު ދައްކާލައި، ފަރުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި "ފަރުކޮއި" ޕްރޮގްރާމް ނިންމުމަށް ވިލިމާލޭގެ ވޯޓާސްޕޯޓްސް ބީޗްސައިޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށްފަހު އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެއްޗަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެގޮތުން ބެލެނިވެރިންނާއި ގުޅިގެން ފޮތި ކޮތަޅު ފަދަ ތަކެތި ހެދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

"މާޗް އެކަކުން ފަށައިގެން މުޅި ރާއްޖޭގައި ހުރިހާ ސްކޫލުތަކެއްގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭންކުރުމުގެ މަސައްކަތްކުރުމުގެ މަސައްކަތް ފެއްޓިގެން މިދަނީ. އިރާދަކުރެއްވިއްޔާ މާޗް 30 އާ ހަމައަށް އަންނައިރު ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ސިންގަލް ޔޫސް ޕްލާސްޓިކެއް ނުގެންގުޅޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހުރިހާ ސްކޫލްތަކަށް ހިންގަވާ "ފަރުކޮއި" ޕްރޮގްރާމްގެ ދަށުން ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް ތިމާވެއްޓާއި ބޭހޭ މައުލޫމާތު ދިނުމާއި ފަރުތައް ހިމާޔަތް ކުރުމަށް ބާރު އަޅާއިދޭ ފަދަ ވީޑިޔޯ އެކުދިންނަށް ދެއްކުމާއި އެރަށެއްގެ އަތިރި މަތި ސަރަހައްދު މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ދަރިވަރުން ބައިވެރިކޮށްގެން ސާފުކުރުމާއި ސްކޫލްގެ މާހައުލުގައި އުފެދޭ ކުނި މަދުކުރާނެ ގޮތް އެކުދިންނަށް އޮޅުންފިލުވައިދޭނެއެވެ.

މިހާރުވެސް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވަނީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާފަދަ ޕްލާސްޓިކް ތަކެތި ބޭނުން ކުރުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި ކަލާފާނު ސްކޫލާއި، ބ. އަތޮޅު މަދަރުސާ އާއި، ގދ. އަތޮޅު މަދަރުސާއާއި، މަޖީދިއްޔާ ސްކޫލާއި، ޖަމާލުއްދީން ސްކޫލް ހިމެނެއެވެ

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ުކ

    ތިޔަ ފަރުދެއްކުމަކާ ހަދައިގެން ޓީޗަރުން އެއުޅެނީ.ސަލާމަތް ނުވެވިގެން
    މީ ކޮންތާކުން ހޯދައިގަތް ކަމެއްބާ. ފަރުދެއްކުމަކުން ތިމާވެއްޓާ ރައްޓެއްސެއް ނުވާނެ.