އިންޑިއާގެ ޓަމިލް ނާޑޫގެ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "ގާޖާ" ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ ހުޅަގަށް ދަތުރުކޮށް އަރަބި ކަނޑަށް ފޭބުމަށް ފަހު މިހާރު ވަނީ އިތުރަށް ބާރުގަދަވެފައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އިން ވިދާޅުވީ އިންޑިއާގެ ޓަމިލް ނާޑޫގެ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "ގާޖާ" ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ ހުޅަގަށް ދަތުރުކޮށް އަރަބި ކަނޑަށް ފޭބުމަށް ފަހު މިހާރު ވަނީ އިތުރަށް ބާރުގަދަވެފައި ކަމަށާއި ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ އަނެއްކާވެސް ތޫފާނަކަށް ބަދަލުވާނެ ކަމަށެވެ. އެހެން ނަމަވެސް މި ތޫފާނުގެ އަސަރެއް ސީދާކޮށް ރާއްޖެއަށް ނުކުރާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.

މިދިޔަ ހަފްތާގައި ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓަމިލް ނާޑޫއަށް އަރައި، މިހާތަނަށް މި ތޫފާނުގައި 25 މީހަކު މަރުވެއްޖެ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާނާ ގުޅިގެން މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ 470 ރައްކާތެރި ކޭމްޕުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 9000 ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގަޑިއަކު 120 މޭލު ބާރު މިނުގައި ވައިޖެހުނު މި ތޫފާނުގެ ސަބަބުން ޓަމިލް ނާޑޫގެ އައްސޭރިފަށުގައި އޮންނަ ނާގާޕަޓްނަމްއާއި ޓިރުވަރޫރާއި ތަންޖަވޫރަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ގަސްތައް ވެއްޓި، ކަރަންޓު ކެނޑިފައިވެއެވެ.