މިއަދު ހުވާ ކުރައްވާ އައު ސަރުކާރުން ރ. ފައިނުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތަށް އެއާޕޯޓު އަޅުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވާނެކަންވެސް އިޢުލާން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައި ފައިނުގައި ސިޓީ ހޮޓަލަކާއި އެކު އަޅަން މަސައްކަތްކުރި އެއާޕޯޓު، ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޑިޒައިނަށް ބަދަލުތަކެއްވެސް ގެނެސްފައިވަނިކޮށެވެ. ފައިނުގައި އެއާޕޯޓު އަޅަން ކުރި މަސައްކަތް ހުއްޓިފައިވަނީ އެ އާޕޯޓު އެޅުމުން ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްބުނެ، ތިމާވެއްޓާއި ބެހޭ ޖަމްއިއްޔާތަކާއި، އެރަށުގެ ބައެއް ރައްޔިތުން އަޑު އުފުލުމާއި ގުޅިގެނެވެ.

މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ހަވާލުކުރި އެ މަޝްރޫއުގެ ފައިނު އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޕެސިންޖަރު ޓާމިނަލެއް އަޅާއިރު، އެކަމަށް އެރަށުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން އޭރު ނިންމާފައިވެއެވެ. އަދި އެއާޕޯޓާއެކު ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރެއްގެ އިތުރުން މަތިންދާ ބޯޓްތަކަށް ހިދުމަތްދޭނެ ހޭންގަރަކާއި ސްޓާފުން ތަމްރީން ކުރާނެ ވަސީލަތްތަކެއް ވެސް ގާއިމް ކުރަން އައިލެންޑް އޭވިއޭޝަނުން ކުރިން އޮތީ ނިންމައިފައެވެ.

"ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ނުވަތަ ގެއްލުން ކުޑަވާނެ ގޮތަކަށް ޕްރެޒިޑެންޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފައިނުގައި އެއާޕޯޓް އަޅާނެކަމަށް އުއްމީދުކުރަން." އާދަމް ޝަރީފް ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެއެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފައިނުގައި ނުވަތަ ރ. އަތޮޅުގެ ދެކުނު ފަޅީގައި އެއާޕޯޓެއް ނުހަދައި، އެ އަތޮޅުގެ ރިސޯޓްތަކަށް ލޯކަލް ޓުއަރިޒަމެއް ރަނގަޅަށް ނުހިންގޭނެ ކަމަށެވެ. އަދި ފައިނުގައި އެއާޕޯޓް ނާޅާނަމަ، އެއްފަސް ކުރުމުގެ ސިޔާސަތަށް ދާންޖެހޭ ކަމަށްވެސް އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

"ފައިނުގައި އެއާޕޯޓް ނާޅާނަމަ، މީހުން ބަދަލުކުރަން ޖެހޭނެ، ނުވަތަ ފައިނަށް އެހެން ރަށެއްގެ ބަޔަކު ގެންނަން ޖެހޭނެ. ލާމަރުކަޒީ އުޞޫލުން ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރު ހިންގަން ބޭނުންވާނަމަ، މާލެ ނުވަތަ ހުޅުމާލެ ނޫން ތަންތަނުގައި އެއްފަސް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަންޖެހޭނެ. އެކަން ކުރެވޭނީ، ލާމަރުކަޒީ އެ މަފްހޫމަށް ރައްޔިތުން އަހުލުވެރިކޮށް، ބާރުވެރިކޮށްގެން. ވަﷲ އަޢުލަމް" އާދަމް ޝަރީފް އުމަރު ލިޔުއްވާފައިވެއެވެ.

އިތުރަށް އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވަނީ ގިނަ އެއާޕޯޓު އަޅުއްވާނެ ކަމަށް ކަމަށާއި، ނަމަވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ އެ ޚިޔާލު ކަމުނުދާކަމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެންގުމަށް ސިފައިން އެ އިދާރާއަށް ވަދެ އޮޕަރޭޝަންތައް ހިންގުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ކަމަށް، މަޖިލިސް މެމްބަރެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައިވާ އާދަމް ޝަރީފް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތަނުގެ ތެރެއަށް ސިފައިން ވަދެފައި ނުވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.