މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކައިރީ ޢާއްމު ރައްޔިތުން މުޒާހަރާ ކުރަމުން އެބަދެއެވެ.

ހައުސިންގ މިނިސްޓްރީ ސަރަހައްދުގައި މުޒާހަރާ ކުރަމުންދަނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓް ލިޔުން ލިބުނު ކަމުގެ ލިޔުން ދޫކުރަމުން ދިއުމަށްފަހު މިއަދު މެންދުރު 12:00 އާ ހަމައިން އެ މަސައްކަތް ހުއްޓާލުމުން ލިޔުން ހޯދުމަށް އެ ސަރަހައްދުގައި ކިޔު ހަދައިގެން ތިބި ބައެއް ފަރާތްތަކުންނެވެ.

ހައުސިންގ މިނިސްޓްރީ ސަރަހައްދުގައި ދިގު ކިޔޫތައް ހަދާފައި - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވަނީ ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރާނީ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށް ކަމަށެވެ. ނަމަވެސް މިނިސްޓަރ ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު މެންދުރު 12:00 އާ ހަމައަށް ފަލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަމުން ގެންދާނެ ކަމަށާއި، އެކަމަށް ބަންޑާރަ ނައިބުގެ ލަފާވެސް ލިބިފައިވާ ކަމަށެވެ.

އިއްޒުއްދީނު މަގާއި، އަމީނީ މަގާ ގުޅޭ ކަންމަތީ ހައުސިންގ މިނިސްޓްރީގެ މައި ގޭޓް ކައިރީ އެއްވެ ތިބި ފަރާތްތަކުން އެދެމުންދަނީ ފަހަރަކު 10 މީހުން ނަމަވެސް އެތެރެއަށް ވައްދައިގެން ފްލެޓު ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ މިނިސްޓްރީގެ ގޭޓް ހުރީ ބަންދު ކޮށްފައެވެ.

ފްލެޓް ލިޔުމަށް އެދި އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ތިބީ ހައުސިންގ މިނިސްޓަރީގެ ފާރު މަތިން ބޯ އަރުވައިގެން މިނިސްޓްރޫގެ ގޯތި ތެރޭގައި ހިނގާ ކަންކަން ޝައުގުވެރިކަމާއެކު ބަލާށެވެ. ނަމަވެސް މާބޮޑު ހަމަނުޖެހުމެއް އެ ސަރަހައްދުން ނުފެނެއެވެ.

ހައުސިންގ މިނިސްޓްރީގެ ފާރުން އެތެރެ ބެލުމުގައި ޢާއްމު ރައްޔިތުން - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ބަންދު ކޮށްފައި ހުރި ހައުސިންގ މިނިސްޓްރީގެ ގޭޓް ހުޅުވުމަށް އެއްބަޔަކު އެދެމުންދާއިރު، ބައެއް ފަރާތްތަކުން ގޭޓް ތަޅުވާ ގޭޓު ހުޅުވޭތޯވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ފުލުހުން/ސިފައިން އެއްވެސް ވަރަކަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރި ވަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

އެއްބަޔަކު އަޑު އެފުލަމުން ދިޔަ ނަމަވެސް، ފްލެޓު ލިޔުން ހޯދަން ހަދާފައިވާ ކިއު، ހައުސިންގ މިނިސްޓްރީ ހުންނަ ބްލޮކް ވަށައިގެން ހަދާފައިވާއިރު، އަދިވެސް ގިނަ މީހުން ތިބީ ހަމަ ހިމޭންކަމާއެކު އެ ލިޔުން ލިބޭނެކަމުގެ އުއްމީދުގައެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ، ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އެޗްޑީސީ އާ ހަވާލު ކުރައްވާނެ ކަމަށާއި، ފްލެޓުތައް ލިބުނު ފަރާތްތަކާ އެކު އެގްރީމެންޓު ހެދުމުގެ މަސައްކަތް ކުރައްވާނީ އައު ސަރުކާރުން އެޗްޑީސީގެ ހިންގުމާ ހަވާލުވެލައްވާ ފަރާތްތަކުން ކަމަށެވެ.

ސަރުކާރުން ހުޅުމާލެ-2 ގައި ތަރައްޤީ ކުރަމުންދާ 7000 ފްލެޓު ލިބޭ ފަރާތްތައް ވަނީ އިއުލާން ކުރައްވާފައެވެ. އެއީ ގާތްގަނޑަކަށް ބައިލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނު

    ތިތާ ބޮޑައްހާޖާނު ހަދަނީ ވަކިމަގްސަދެއްގަ ތިތަނައް ފޮނުވާފަތިބި ބަޔަކު. އެވަރުއަރުވާ މީހުންނަކީ ޕްލެޓް ލިބޭލިސްޓުގަ ތިބިބައެއްވެސް ނޫން. އެމީހުންގެ އަސްލުބޭނުމަކީ ހަމަނުޖެހުން އުފައްދާ ބަޔަކައް ގަނާކުރުން.

  2. ރހހ

    ދެން ޕްލެޓް ތިތިބީ ލިބިފަ، މާލަހެއްނުވެ މިހާރު ހަދާނިމެމުންދާ 16 ޓަވަރު އަމިއްލަބަޔަކައް ހަވާލުކޮއްފަ އާސަރުކާރުން ތިކަމުންރެކިގަންނާނެ. އެމީހުން ބޭނުމެއްނުވެ ނިމިދިޔަ ސަރުކާރުން ރައްޔިތުންނައް ކޮއްދިން އެއްވެސްކަމެއް ރައްޔިތުންނައް ލިބޭކައް. ކުރިޔައް އޮތް 5 އަހަރު ތީގެ އެންމެ އާޓަވަރެއްވެސް ނޭޅޭނެ، އެކަމު ދޭތެރެއަކުން ބޮޑު މަންޒަރެއްދައްކާލާނެ ރައްޔިތުން ގުންބޯހައްދަން. މިހާރު މި ހަވާލުވީ ވަގުންގެ ގުންބޯ ސަރުކާރާ

  3. ގޮނާސަކް

    އިބޫގެ ލަފާ ކުރެވޭ ކެބިނެޓް، އުއްމީދު ބޮޑު ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން ރަންރީނދޫ ޓްވިޓަރޭ އަށް އޮތީ ކޮން މަގާމެއްތޭ ދަ ކަނޑުފައްތާ ސީރީސް ދޭއް ނެރުމުގެ ކަންކަން ދޯ އެއިރަށް ތާ ތަމެން ރަށަށް އަފިރިންގް ތަފިރިންގް ކިޔަމުން ގޮސް ފައިސާ ގަނޑު ހަޔެއް ހަތަރަށް ތަޅާލަން ލިބޭނީ ދޯ ތަމެން ކޮން ތާކުން އުފުރާފައި ނެތޭ ފައިސާ އަކުންތޭ ތަމެން މާލޭން ލަގްޒަރީ ކޮންޑޯސް ތައް އަޕްފްރަންޓް ކޮށް ފައިސާ ދީފައި ގަންނަނީ އެއި ދަ ކަނޑުފައްތާ ފިލްމް ސީރީސް ކުޅެން ޖީއެމްއާރުން ނެގި ކަޓް ފައިސާ އިން ލިބުނު ފައިސާ ގަނޑުގެ ބަޔެއް ދޯ ލަބިއްޓެ ގްރޫޕް ދަރުބާރުގެ އަޅަން ދިން ފައިސާ އިން ލިބުނު ފައިސާ އިން ދޯ ހުޅުމާލޭގައި އެޅާ ގެ ކޮންމެ އެކެބަނޑެ ބެއްޔާ އަކަށް ހުޅުމާލޭން ގޯއްޗެއް ގަނެގެން ގެސްޓް ހައުސް ހަދާފައި ހުރީ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ..

  4. ނޯވޭ

    ތިފުލެޓްތައް ދީފައިވަނީ އެއްވެސް ވަރަކަށް އިންސާފައް ބެލުމެއްނެތި ދިރިއުޅުމުގެ ޙާލަތައް އެއްވެސް ވަރަކަށް ބެލުމެއްނެތި މާލޭގައި ދިރިނޫޅެފަރާއްތަކަށްވެސް ބައިވައު ފުލެޓް ދީފަ އަޅުގަނޑު މާލޭގައި ދިރިއުޅޭތާ 25އަަހަރު ވަޒީފާ އަދާކުރާތާ 20 އަހަރު ދިރިއުޅެނީ ކުޑަ ކޮޓަރިއެއްގަ 2 ކުދިންނާ އންހެނުންނާ އެކު ލިބުނީ 55 ޕޮއިންޓް ސަކުވާ ހުށައެޅީމަ ޖަވާބެއް ނުލިބޭ މުއިޒު ފުލެޓް ދިނުމުގައި ބެލީ ކޮންކަންތަށް ތަކަކައް ނުވިސް ނުނު ފޯމްގަ ދޮގުމައުލޫމާތު ފުރާފަލީ ފަރާއްތަކަށްވެސް ފުލެޓް ދީފަ މުއިޒް މާފުކުރާށޭ ބުންޏަސް މިވަރަށް ނާއިންސާފުން ކަންތަށްކުރީމަ ކިހިނެއްތޯމާފުކުރާނީ ދުވަހަކުވެސް މާފެއްނުކުރެވޭނެ!

  5. ބާބާ

    ފުކެއްބޮޑުވަރު ދިވެހިންނަކީ އޯވަރ ވާބައެއް، ތިތާ ގިނައީ އެމްޑީޕީ މީހުން ތިކަންތައް މައްސަލަގަޑަކައް ހަދަންވެގެން ގޮސްތިބި މީހުން ނުވާނެ ރަގަޅެއް ތިމީހުން

  6. ވަރުވާ

    ފުދޭވަރެއްގެ މުއްދަތެއް ދެއްވި އިރުވެސް ފަހު ސިކުންތަށް ތިއްބެވީ ހަމަނުޖެހުމެއްގެ ފޮޓޯ ދައްކަން ކަމަށްވެސް ޤަބޫލް ކުރެވޭ. ކޮންމެ ސަރުކާރަކަށްވެސް އެއްބާރުލެއްވުން ދެއްވުމަކީ މުހިންމުކަމެއް ކަމުގައި ދެކެން.