ރައީސުލްޖުމްހޫރިއްޔާގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން މިއަދު އެމަނިކުފާނު އިޢުލާން ކުރައްވައިފިއެވެ.

މިކަންކަން އިޢުލާން ކުރައްވާފައިވަނީ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ޤައުމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިޙު މިއަދު އިޢުލާން ކުރައްވާފައިވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100ގެ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގު ހެޔޮކުރުމަށްވަނީ ނިންމަވާފައެވެ. ހަމައެހެންމެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

"މިއަދުން ފެށިގެން އަންނަ 100 ދުވަހުގެ މުއްދަތުގެ ތެރޭގައި އަޅުގަނޑުގެ ސަރުކާރުން ފެށުމަށް ގަސްދުކުރާ މަސައްކަތްތަކަކާއި އެމުއްދަތުގެ ތެރޭގައި ނިންމަން ކަނޑައަޅާފައި ހުރި މަސައްކަތްތަކެއް އެބަ ހުރި. ފުރަތަމަ 100 ދުވަސް ނިމޭއިރު ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ. ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ސްކޫލުތަކުގެ ދަރިވަރުންނަށް ބޭނުންވާ ހެނދުނުގެ ނާސްތާ ހިލޭ ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާއިރު، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތް ހަމަޖައްސާނެކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ، ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެ ކުރެވޭ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެކަމަށްވެސް ވިދާޅުވިއެވެ.

"ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގުރާމް ފެށިގެންދާނެ. ފަރުޟު ޙައްޖުގެ އަޅުކަން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ކުރެވޭގޮތް ހަމަޖެހިގެން ދާނެ. ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވޭނެ. ދަނޑުވެރިކަމަށް އެތެރެ ކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއަކީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތައް ބޭނުންކުރާ ފައިސާއަކަށް ހައްދަވާނެކަމުގައެވެ.

"ދުނިޔެ ހޫނުވުމުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖެ ވެގެންދާނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް. ގްރީން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އަޅުގަނޑުމެން ހޭދަކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް." ރައީސް ވިދާޅުވިއެވެ.

ފުރަތަމަ 100 ދުވަހުގެ ކަންކަން ހިއްސާ ކުރައްވަމުން ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވާ ހިރިހާ ރައްޔިތުންނަށް އެކަންކަން ހަމަޖެއްސުމުގެ މަޝްެރޫއެއް ފެށޭނެކަމުގައެވެ. އަދި، އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތްތަކަށް އެޚިދުމަތް ދިނުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

"ކައުންސިލްތައް މެދުވެރިކޮށް އިތުބާރު ހިފޭ ހައުސިންގ ނީޑް އެސެސްމެންޓެއް ހަދާ ބޯހިޔާވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެށޭނެ. އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފެށޭނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އިދާރާއެއް އުފައްދަވާ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދަ ހަމަޖެހޭގޮތް ހައްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެން ދާނެ." ރައީސް ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުމުގެ ކަންކަންވެސް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުވާ ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ. މިއީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑު ވިސްނާފައި ހުރި ބައެއް ކަންކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ މިއީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަންކަމަށާއި މިކަންކަމުގެ ފުރިހަމަ ތަފްޞީލު މިރޭ ހާމަކުރައްވާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަހެބޫބު

    އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި މިއޮތް އިސްލާމްދީން އާއި ބެހޭ އެއްވެސް ވާހަކަ ފުޅެއް ދައްކަވާފައިނުވާތީ ރާއްޖޭގެ މިއޮތް އިސްލާމްދީން އިބޫގެ ސަރުކާރުން ދަމަހައްޓާނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދޭ

    • ހޭބަލިވާ

      ކިޔަންދެން މައިތިރިވެބަލަ.

    • ސުވާލު މީހާ

      ތީކީ ދެން މިގައުމުގައި އެއްވެސް ސުވާލު އުފެދޭވަރުގެ ކަމެއްނޫން. ވީމާ ތިކަމާމެދު މުޅި ސްޕީޗް ދުއްވާލުމުގެ ބޭނުމެއްނެތް.

  2. ޢަޑު

    އަޑު އިވުނު ހުވާކުރާތާ 24 ގަޑި އިރުތެރޭ ރިލުވާން ވީތަނެއް ހޯދާނަމޭ ބުނި އަޑު

  3. ޑރ.ވާނުވާ

    ޓަކާޓަކާ އަނެއްކާވެސް ޓަކާޓަކާ، މީދެން ކިހާވަރަގަދަކަމެއް

  4. ނަދާ

    މޮޔަވީތަ އިސްލާމްދީނަކީ ރާއްޖޭގައި އޮނަނަ ހަމަ އެކަނި ދީން އިތުރަށަ ބުނަންވީ ކީކޭތަ؟ އާދީނެއް ފަށާ ވާހަކަތަ؟ ކޮންމެވެސް އެއްޗެކޭ ކިޔާފަ ކޮމެންޓެއް ކޮށްލެވޭތޯ ބަލާތި

  5. Anonymous

    ރައީސު ސޯލިހުގެ ވާހަކަފުޅު ރަނގަޅުވިޔަސް އަރިއަހުގައިތިބޭ ބޭކަލުން ނިކަމެތި ރައްޔިތުންނަށް ރަނގަޅު ގޮތެއްވާނެ ކަމެއް ވިޔަނުދޭނެކަން ޔަގީނެވެ، އެމީހުންގެ ކުރީގެ 3އަހަރުގެ ވެރިކަމުގަވެސް ރައީސު އަރިހުގައިތިބި ބޭކަލުންނާއި މިނިސްޓަރުންނާއި އަމިއްލަގާތަށް ބޮޑުގޮދަ ދެމީއެވެ. މިގައުމުގެ އެކިކަންކޮޅުތަކުގައި އެމްޕީ މާރިޔާގެ 20ގެސްޓުހައުސްއާއި ސިޓީހޮޓެލް އެބަހުއްޓެވެ.

  6. Anonymous

    musAra bodu kurunq kihinetqtO

  7. ޢ ޢަބްދުﷲ

    އެމްޑީޕީ ގެ ކުރީގެ ވެރިކަމާ ޚިލާފަށް، މިފަހަރު ތިޔަ ކުރެއްވި ހުވާ ދޮގުހުވައަކަށް ވިޔަ ނުދީ، ދަމަހައްޓަވާނެ ކަމަށް އުންމީދުކުރަން.

  8. ޢަލި

    ކޮބާ ލޯކަލް ޓްއަރިޒަމްކެ ވާހަކަ ކިހާދުވަހަކުމްބާ

  9. ޙަސީބް

    ޙުވާކުރިތާ 2 ގަޑި އިރުތެރޭގަ ގާނޫން އަސާސިއާ ހިލާފުވެއްޖެ ކަބިނެޓައް ޓެރަރިސްޓުން