ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވީ ސަބަބު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާ ނުލައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު އަޅުގަނޑުގެ ހިތުން ފުހެވިގެން ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް އަދި އަޅުގަނޑުމެން އެންމެންވެސް ހަނދާން ބަހައްޓަންވާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ބައެއް މުހިންމު ވައުދުތައް ހަނދާން އައު ކުރައްވައި، އެއްވެސް ވައުދެއް ހަނދާން ނައްތާ ނުލައްވާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، "ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މިރާއްޖެ ގެންދަން، އަމާން ވެއްޓެއް ޤާއިމު ކުރުމަށް، ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް، ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވައުދުތަކުގެ މައްޗަށް." ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީގެ ހިޔަލުން ދިވެހި ދައުލަތުގެ ކަންކަން ހިނގަން ފެށުނީ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކާ އެކު ކަމަށާއި، އެ ޤާނޫނު އަސާސީއަކީ ދިވެހި ރައްޔިތުންނަށް ކުރިން ލިބިފައިނުވާ އެތަކެއް ހައްޤުތަކެއް ކަށަވަރު ކޮށްދިނުމާއެކު ތިންބާރު ވަކިވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމެއް ދިވެހިންނަށް ގެނެސްދިން ޤާނޫނު އަސާސީއެއް ކަމަށެވެ.

"ހިތާމައަކީ އާ ޤާނޫނު އަސާސީއެއް ލިބިގަނެ އަޅުގަނޑުމެން ކުރި އުއްމީދުތައް މިއަދު ވިއްސި ވިހާލިވެފައިވާކަން. އެ ޤާނޫނު އަސާސީ ގެނެސްދިން ނިޒާމް ހަރާބުވެފައިވާކަން. މިއަދު އަޅުގަނޑު ކުރަން މިފަށާ މަސައްކަތަކީ ދިވެހި ދައުލަތުގެ އެންމެހާ ކަންތައްތައް ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ގެނެސް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކަށަވަރު ކޮށްދިނުމުގެ މަސައްކަތް." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އައު ސަރުކާރުން ފެންނާނީ ދިވެހި ދައުލަތުގެ ކަންކަން އިންސާފުގެ މަގަށް އެނބުރި، ޖަވާބުދާރީވާ ސަރުކާރެއްގެ ރިވެތި މަންޒަރުތައް ކަމަށެވެ.

"މާތް ﷲ ގެ ވާގިފުޅާއެކު، މިފެށޭ ރިޔާސީ ދައުރުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ދެކޭނީ ދިވެހި ދައުލަތުގެ އެންމެހާ ކަންކަން އިންސާފުގެ މަގަށް މިސްރާބު ވެގެންދާ މަންޒަރު. އިސްލާމް ދީނުގެ ރިވެތި އުޞޫލުތައް ނަގަހައްޓައި، ރައްޔިތުންނަށް ޖަވާބުދާރީވާނޭ ސަރުކާރެއް އުފެދިގެންދާ މަންޒަރު." ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ މިއަދު ހަވީރު 05:03 ގައި އިބްރާހީމް މުޙައްމަދު ސޯލިހު ކުރެއްވިއިރު، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ މުހިންމު 12 ކަމެއް ވަނީ އެ ޖަލްސާގެ ތެރެއިން އެމަނިކުފާނު ހާމަކުރައްވާފައެވެ. އަދި އިތުރު ތަފްސީލު މިއަދު ހާމަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.