ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

2018 ސެޕްޓެމްބަރ 23 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެން މިއަދު ވެރިކަމުގެ ހުވާ ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެލެއްވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައި، މަޤާމުގެ އިޤްރާރުގައި ސޮއި ކުރެއްވުމަށްފަހު ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެ." ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ޤައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމަށް ލީޑަރުން އެއްބަސްވެފައިވާ ކަމަށާއި، އެކަން އެގޮތުގައި ކުރިއަށް ގެންދެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"މިއަދު އަޅުގަނޑުމެނަށް ލިބިފައި މިވާ ފުރުޞަތަކީ ޤައުމެއްގެ ހަޔާތުގައި މަދުން މެނުވީ ލިބޭނެ ފުރުޞަތެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި އެކުވެސް ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެކަންކަން ރައްކާތެރިކޮށް ކުރިއަށް ދިއުމަށް އެއްބަސްވެގެން. އެގޮތަށް ގެންދެވޭނީ އަޅުގަނޑުމެން އެންމެނަށް އެކުގައި ކުރެވޭ މަސައްކަތަކުން." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އައު ސަރުކާރުން ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަލަށް މި އުފެދިގެންދާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޯށްދިނުމުގައި އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއައް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލާ ތަފާތެއް ނުކުރެވޭނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް އެންމެ ފުރަތަމަ ދެއްވި ހިޠާބުގައި ރައީސް ސޯލިހު ވިދާޅުވިއިރު، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތަށް ބަލާ އެއްވެސް ރައްޔިތަކާމެދު ތަފާތެއް ނުކުރާނެކަމަށާއި ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި އިހުލާސްތެރިކަމާއެކު ޚިދުމަތް ކުރަންމަތީ ދެމި ހުންނާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ކަމަށާއި، އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާ ނުލައްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ މިއަދު ވިދާޅުވެފައެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މުހިންމު ވާކަތަކެއް ދެއްކެވިއިރު، އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކޮށްދެއްވާނެ މުހިންމު ކަންތައްތައްވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރުމާއި، ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމާއި، ކޮންމެ ދަރުވަރެއްގެ ހެނދުނުގ ނާސްތާ ސަރުކާރުން ދިނުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔެއްނުވޭ ތިޔަހެން ވެދާނެހެނެއް އެހެން ނޫންނަމަ ކާނަލަކަށް ހަމަލާއެއް ގުރޫޕްހަދާފަ ނުދިނީސް

  2. ބަލަ މިހާރުވެސް ބައެއް އޮފީސް ތަކުގާ ކަުލަޔައްބަލާގެން މީހުން ބަދަލްކުރުމުގެ ކަންތައްކުރިޔައްގެންދަނިންމާކަން ފާހަގަކުރަން ރައީސް ސޯލިހް ވިދާޅުވާގޮތަން ކުލަޔަކަން ނަސްލަކައް ނުބައްލާކަމައްވަންޔާމިކަން ބައްލަވާދެއަވާ؟؟