ދިވެހި ލޮބުވެތި ރައްޔިތުންނަށް ޖަވާބުދާރީވާ، ނަޒާހާތްތެރި ފަނޑިޔާރުގެއެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވައުދު ވެވަޑައިގެންފިއެވެ.

ރައީސް ޞޯލިހް މިކަމަށް ވައުދު ވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ދިވެހި ޤައުމާ މުޚާޠަބުކޮށް ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ވެރިކަމާ ހަވާލު ވެވަޑައިގެންނެވިއިރު ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ދެކެން ބޭނުންވަނީ ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރެވިގެންދާ މަންޒަރު ކަމަށް އެމަނިކުފާނު ޤާބޫލުފުޅު ކުރައްވާ ކަމަށެވެ.

"ފާއިތުވި 10 ވަރަކަށް އަހަރު ދިވެހިން ކުރި ތަޖުރިބާއިން އެނގުނު ހަޤީގަތަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދޭންޖެހިފައިވާކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

"ފަނޑިޔާރުގެއަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަން. ޤާނޫނު އަސާސީ ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދޭންޖެހިފައިވާކަން. ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރު ކޮށްދިނުމަށްޓަކައި ޤާނޫނީ އިލްމާއި، ޝަރީއަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުއެއް ޤާއިމުކުރަން ޖެހިފައިވާކަން." ރައީސް ވިދާޅުވިއެވެ.

ޤައުމާ މުޚާޠަބުކޮށް ރައީސް ޞޯލިޙް ވިދާޅުވީ، އައު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރަން ފަށާނެ އެއް މަސައްކަތައް ވެގެންދާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުން ކަމަށެވެ.

"މިއީ އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި ކުރަން ފަށާނެ އެއް މަސައްކަތް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޖަވާބުދާރީވާ، ނަޒާހާތްތެރި ފަނޑިޔާރުގެއެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވައުދު ވެވަޑައިގެންނެވިއިރު، އެންމެ ފުރަތަމަ ޤައުމާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި މުހިންމު ގިނަ ކަންކަމަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށާއި، ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށް ވިދާޅުވިއިރު، ޕެންޝަން ފައިސާއިން ފަރްޟު ހައްޖު އަދާކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ޞޯލިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަގު ވޯޓް

    އިބޫ ޖޯކެއް ވިދާޅުވީތޯ؟ ފުރަތަމަ ދުނިޔެ އިސްލާހް ކުރައްވަން ނޫޅުއްވާ އަމިއްލަ ނަފްސު އިސްލާހް ކުރައްވާ، ޕާޓީ މީހުން އިސްލާހް ކުރެވުނިއްޔާވެސް އޭ ބޮޑުވަރު. ކޮބާ ވެލެޒިނީ... މަ ހީހީ ހަލާކު...

  2. ކޮރަކަލި

    ކެބިނެޓް ނެގި ގޮތުން ވެސް ނަޒާހަތްތެރި ޖުޑީޝަރީ އެއްގެ ވާހަކަ މަތިން ފޫހި ވެއްޖެ އެވެ.

  3. ކޮރަކަލި

    ކެބިނެޓް ނެގި ގޮތުން ވެސް ނަޒާހަތްތެރި ޖުޑީޝަރީ އެއްގެ ވާހަކަ މަތިން ފޫހި ވެއްޖެ އެވެ.

  4. ކެކެކެ

    ސެޕްޓެމްބަރު 23.ވަނަ ދުވަހުން ފެށިގެން ތިބުނާ ނަޒާހަތްތެރިކަން ފެނަމުން ދަނީ. ކޮން ވައްތަރު ނަޒާހަތްތެރިކަން ހުންނަނީ!