ދިވެހި ލޮބުވެތި ރައްޔިތުންނާއި، ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށްތަކައި އަޅަން ފަސްޖެހޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އިންސާފުގެ މަގަށް ކަންކަން ގެންދިއުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި އަށަގެނެ މޫލާފައިވާ ކޮރަޕްޝަނާއި، ފަސާފައިގެ ސަގާފަތް ނައްތާލުން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ޤާއުމާ މުހާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

"ޤާނޫނު އަސާސީ އާއި ދިވެހި ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް އަޅުގަނޑު އަޅަން ފަސްޖެހޭނެ ފިޔަވަޅެއް ނޯންނާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނެހެން ހާމަކަން ބޮޑު ގޮތެއްހައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ ކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާ ކުރުމުގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދޭއްވާނެ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލުމަށް ބޭނުންވާ ކޮންމެ ރައްޔިތަކަށް އެ މަގު ފަހިވެގެންދާނެ. މިފަދަ ޝަކުވާތައް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަމަށް ޚާއްޞަ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުހައި އަޅުގަނޑު ޤާއިމު ކުރާނަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ މިއަދު ހަވާލުވާއިރު، ދައުލަތުގެ މާލީ ޚާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ހަމައެކަނި ސިޔާސީ ބޭނުންތަކަށް ދައުލަތަކަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫއުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށެވެ.

"ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި. އެއީ ރައްޔިތުންނަށްޓަކައި ޚަރަދު ކުރަން ހުރި ރައްޔިތުންގެ ފައިސާ. ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފެއް ނުވޭ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ދައުލަތުގެ މާލިއްޔާގެ ޚާލަތު ނާޒުކު ފައްތަރެއްގައި އޮތްކަމުގައި ވީނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، ކުރަންޖެހިފައިވާ ކަންކަން އެއްވެސް އުނިކަމެއް ނައިސް ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅުއްވާ ކަމަށެވެ.

"ދުނިޔޭގެ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާ ޖަމާއަތްތަކުގެ އެހީތެރިކަން މިކަމުގައި އަޅުގަނޑުމެން ހޯދަންޖެހޭ. އަދި ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި، އިތުބާރާއި، ޔަޤީންކަންވެސް މި މަސައްކަތުގައި ލިބެމުންދާނެ ކަމުގައި އަޅުގަނޑު ޔަޤާން ކުރަން." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހި ޤައުމު ވައްޓާލާފައި މިވާ އަނދިރި އަނދަޅުން ސަލާމަތްކޮށް، ކުރިއަށް ދިއުމަށްޓަކައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްޤުތައް އެފަރާތްތަކަށް ހޯދައިދޭން އެބަޖެހޭ ކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭން އެބަޖެހޭ ކަމަށާއި، ދިވެހި ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރާ ދިވެހިންނަށް ހޯދައިދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ހަޤީގަތް ހޯދައި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ." ރައީސް ވިދާޅުވިއެވެ.

ޤައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި މިކަންކަމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިޝާ

    ތިޔައީ ސައްޙަވެރިކަމެއްނޫން. އެތައް ފައިސާ ތަކެއް ކަރަޕް ޝަންގޮތުބަހާ މީހުންނަށް ރިޝްވަތުދީގެން ހޯދިވެރިކަން މާގިނަދުވަހެއް ނުވާނެ ﷲ އެކަންގެންދަވާނެ

  2. ދދދދދ

    ފިޔަވަޅެއް އެޅޭނީ ފިރުކެވިގެންތާ. ފޮޓޯ ލޯގަނޑަުގެ ހާލާމެދު މަ ހަމްދަރުދީ ވަން.

  3. ޢަލީ

    ރައްޔިތުންގެ ހައްގުގައި ނަޝީދު ޖަލައްލައިދެއްވަން ކެރޭނެތޯ؟