ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަށް ދެއްވައިފިއެވެ.

އަލީ ޒާހިރު އަށް މި މަގާމު ދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޗީފް އޮފް ސްޓާފް ކަމުގެ މަގާމަކީ، ވަޒީރުން ފެންވަރުގެ މަގާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

އަލީ ޒާހިރު އަށް ޗީފް ސްޓާފްގެ މަގާމު ދެއްވިއިރު، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމު ދެއްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީ ޝިޔާމު އަށެވެ. މި މަގާމަކީ ވެސް ވަޒީރުންގެ ފެންވަރުގެ މަގާމެކެވެ.

ޝިޔާމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ އެޑްވައިޒަރު ކަންވެސް ކުރައްވާފައެވެ.