ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުވެއްޖެ ކަމަށް، ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މިކަން ހާމަކުރައްވައި މިއަދު ވިދާޅުވީ، ރާއްޖޭގެ އިރުން ގާތްގަނޑަކަށް 290 ކިލޯމީޓަރު ދުރުގައި ހުރި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ،ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ ކަމަށެވެ.

އަދި ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅިތަކަށް ގުގުރުމާއެކު ވިއްސާރަކޮށް ދޭތެރެ ދޭތެރެއިން ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކޮޅިގަނޑުގެ ސަބަބުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާއިރު އަރިދަފުސްރޯގާ އާއި މިނޫންވެސް އެހެނިހެން ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް މިއަދު ވަނީ އެދިފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވުމުގެ ސަބަބުން އިއްޔެ އަވައްޓެރި ސްރީލަންކާއަށް ވަނީ ރެޑް އެލާޓްވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު