އިއްޔެ އާއި ހަމައަށް ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވުރެ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާނެ ބޭފުޅުންގެ އަދަދު އިތުރު ވެއްޖެއެވެ.

ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ ލެވެލްގައި ތިއްބެވީ ފަސް ބޭފުޅުންނެވެ. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރޮޒިޓެންޓަލް އެފެއާޒްގެ މަގާމުގައި ހުންނެވި މުހައްމަދު މުޖުތާޒާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު ލުވޭޒާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަސީރާއި، ތަރިކަ ކޮމެޓީގެ ޗެއާމަން ކަމަށް ސޭޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައި ހުންނެވި އަބްދުއްރަޝީދު ހުސައިނެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޭ އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ހަތް ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިއީ ޔާމީންގެ ސަރުކާރަށް ވުރެ ދެބޭފުންގެ އިތުރު ވުމެވެ.

ރޭ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރެއްވީ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް އަށް ހުސައިން އާމިރު، ސެކްރެޓަރީ، ކެބިނެޓް އެފެއާޒަށް އަހްމަދު ހަސަން ދީދީ، ޑެޕިއުޓީ ޗީފް އޮފް ސްޓާފް ކަމަށް ހުސައިން އާދަމް، ސެކްރެޓަރީ، ޕޮލިސީ ކަމަށް އައިމިނަތު ޝައުނާ، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް ކަމަށް އަހްމަދު އަބްދުﷲ އަފީފް، ސެކްރެޓަރީ، ކޮމިއުނިކޭޝަންސް ކަމަށް ހަސަން އިސްމާއިލް، ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ކަމަށް ޞަބްރާ އިބްރާހިމް ނޫރައްދީނެވެ.

ސްޓޭޓް މިނިސްޓަރުންގެ މަގާމަކީ މިނިސްޓަރުންގެ ނައިބުންގެ މަގާމަށް ވުރެ މުސާރަ ބޮޑު މަގާމެކެވެ. ޔާމީންގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ 40000 (ސާޅީސް ހާސް) ރުފިޔާ އެވެ. އޭގެ ކުރީ ސަރުކާރުތަކުގައި ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ 45000 (ސާޅީސް ފަސްހާސް) ރުފިޔާ އެވެ. މިނިސްޓަރުންގެ ނައިބުންނަށް ޔާމީންގެ ވެރިކަމުގައި ލިބިވަޑައިގެންނެވީ 30000 (ތިރީސް ހާސް) ރުފިޔާ އެވެ. އޭގެ ކުރީ ސަރުކާރުތަކުގައި މިނިސްޓަރެއްގެ ނައިބުގެ މުސާރަ އަކީ 35000 (ތިރީސް ފަސްހާސް) ރުފިޔާ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ ކިހައިވަރެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޔާމީންގެ ސަރުކާރުގައި ދެއްވިވަރުގެ މުސާރައެއް ރައީސް ސޯލިހްގެ ސަރުކާރުން ސްޓޭޓް މިނިސްޓަރުންނަށް ދެއްވާނަމަ ޔާމީންގެ ސަރުކާރަށް ވުރެ އިތުރަށް ރައީސް ސޯލިހްގެ ފަސް އަހަރުގެ ދައުރުގައި 4.8 މިލިއަން ރުފިޔާ ހަމައެކަނި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ މުސާރަ އަށް ޚަރަދު ވާނެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގާމުތައް މަދު ކުރައްވާނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ވެސް 20 މިނިސްޓަރުން ތިއްބަވާނެއެވެ. ޔާމީންގެ ކެބިނެޓްގައި ތިއްބެވީ 14 މިނިސްޓަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    އަދި އެއީ 24 ގަޑިއިރުވެސް ނުވަނީސް ވީވަރު. އެވަރަކުން މަތިބަރެއްނުވާނެ.

  2. ޙައްގު

    މިއީ ރައިސް ޔާމީނާ ދިމާލަށް އެއްޗެހިގޮވާ މަތި ބަރު ދަރުކާރެކޭ ބުނެ އެކަން ބަދަލުކުރާނެކަމަށްވެސް ރައްޔިތުން ކުރިމަތީގައި ތިބެ ބުނެ އައި ވެރިކަމުގެ ފުރަތަމަ ދުވަހު ކަން ހިނގިގޮތް! ހުވާކުރުމުގެ ރަސްމިއްޔާތުގެ ޚަރަދަށް އެކަނިވެސް އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ޚަރަދެއް އެކުރީ! ރައިސް ޔާމީންގެ ކެބިނެޓްގައި ތިބީ 14 ވަޒީރުން!! އެކަމަކު މިސަރުކާރުގައި 20 ބޭފުޅުން އެބަތިބި!! ރައިސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިބީ 5 ބޭފުޅުން ނަމަވެސް މިއަދު 7 ބޭފުޅުން އެއައްޔަންކުރީ!! މިއީ ފުރަތަމަ ދުވަހުގެ ވާހަކަ!! ފުރަތަމަވެސް ބަހާ ޢަމަލާ ދިމާނުވިތަން މިފެނުނީ!!!

  3. Anonymous

    އަދިވެސް ޔާމީނާ ހެދި ހޭބަލި ވަނީ ދޯ؟

  4. ޢަލި

    ޔާމީންވަރެއް ނެތް ކެޔަސް ބޮޔަސް އޯކޭ! އަތުވިކެނަޏާ ދަތުވިކޭނެ.

  5. ދދދދދދ

    ހުސެން ޝަހީމް ލައްވާ ހިސާބު ހަދާބަލަ. އޭރުން ހުންނާނީ މަދުކޮށް. ހހހހހ

  6. އިބްރާ

    މިސަރުކާރުގައި ސްޓޭޓް މިނިސްޓަރުންނާއި ، ވަޒީރުންނާއި، ސިޔާސީ ވަޒީފާތަކުގު އަދަދު ގިނަވިޔަސް ޔާމީނު ސަރުކާރަށްވުރެ ވަޒީފާގައި މީހުން މަދުވާނެއެވެ. އެއީ މިސަރުކާރުން ޖަހާހިސާބު މިއީއެވެ. 1+2 =1