ވަޒީރުކަމާ ހަވާލުވީ ޓައީ އަޅައިގެން ގޮނޑީގައި އިންނަން ނޫން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް އައްޔަނު ކުރެއްވި އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަޒީރުކަމާ ހަވާލުވީ ޓައީ އަޅައިގެން ގޮނޑީގައި އިންނާކަށް ނޫން ކަމަށާއި ބޭނުންފުޅަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެންނެވުން ކަމަށެވެ.

"ރައީސް އިބުރާހިމް މުހައްމަދު ސޯލިޙުގެ އިރުޝާދާއި އެކު އިރާދަ ކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން. ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން އުފަލާއި އެކު ބަަލައިގަންނާނަން" މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ކަމަށް މަހުލޫފް އިއްޔެ އައްޔަން ކުރެއްވިއިރު 2009 ވަނަ އަހަރުން ފެށިގެން މަހުލޫފް އަދާކުރައްވަމުން ގެންދެވި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

މަހުލޫފު އިއްޔެ ވަޒީރު ކަމުގެ ހުވާ ކުރެއްވި އިރު މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

މަހުލޫފު ވަނީ ދާދި ފަހުން ރައީސް ސޯލިހުގެ ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާައި ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެންމެ ކަރަޕްޓް ވަޒީރު. މިހާރު ދެން ބައިތުލްމާލުން އަމިއްލައަށް ރިލޯޑްކޮށްލެވޭނެ.

  2. ޙާމުދުރު

    މިސްޓަރ ރީލޯޑް..

  3. عبدالله

    އަޑުގަދަމީހާގެ ރުއްގިނަވާނެއެވެ. ނުކިޔަމަންތެރިވެ، ނުރުހުން ފާޅުކުރުމުން ދެފެން ދޭތެރޭ ތިބޭ މީހުން ބިރުގަންނާނެއެވެ. އެމީހަކަށް ބަޔަކު ތަބަޢަވާނީ، އެމީހަކަށް ތަބަޢަވުން ހުއްދަކުރާ ޙާލަތެއްގައި އެމީހަކު ހުރުމުންނެވެ. ފަސާދައިގެ ޢަމަލަކަށް، އެފަދަ އެއްވެސް ކަމަކަށް މުޅިމުޖުތަޢު އިއްތިފާޤެއް ނުވާނެއެވެ.