ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިނާއި، ގާޒީ އަހްމަދު ނިހާން ގޭބަންދަށް ބަދަލުކުރުމަށް މާލެ ގެނެސްފިއެވެ.

މި ހަތަރު ބޭފުޅުން މީގެ ކުޑައިރުކޮޅެއް ކުރިން މާލެ ގެނެސްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ސިޔާސީ ބޭނުންތަކުގައި ނުހައްގުން ޖަލަށްލެވުނު ބޭފުޅުން މިނިވަންކުރުމަށް ނުވަތަ ގޭބަންދަށް ބަދަލުކުރުން ހިމެނެއެވެ.

އަބްދުﷲ ސައީދު އާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ ހުރިހާ ފަރާތްތަކެއް މިނިވަން ކުރަން އަމުރުކޮށްފައެވެ.

އެ ދެ ބޭފުޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވާއިރު، އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ގާޒީ ނިހާނު އާއި މުހްތާޒު ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު މި ދެ ބޭފުޅުންގެ މައްޗަށް އުފުލި ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ ސާބިތުވެ ދެ ބޭފުޅުން ވެސް ގެންދަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ޓެރަރިޒަމްގެ ކުށް މުހުތާޒު އަދި ނިހާންގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީއެވެ.

މި ދެ ބޭފުޅުންގެ މައްޗަށް 17 އަހަރު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގާނޫނު

    މިއީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިފައޮންނަ ބާރެކޭދޯ ޖަލަށް މީހުންވެއްދުމާ ނެރުމުގެ ބާރު.. މިއޮތީ 3ބާރެނުން އަދަދުނުވާ ވަރަށްލިބިފަހުުންނަ ބާރެ.. ހަލްކުދޯމީ.. އަދުލުއިންސާފުކުރާ ތަންތަނަށް އިއްޔެގަވެސް ބިރުދެއްކީ މިއީ އިސްލާހުކުރާގޮތް. މިގޮތަށް ރޔާމީން ކޯޓުތަކަށް އަތްނުބޭނީމަ ގޯސްވެގެން ހަޅޭލެވީ.

  2. ލަބީބު

    ޙުކުމް ރުފިޔާއަށް ވިއްކި ބާގައިގެ އެންމެން މިއަދު ސަލާމަތްވާނެ! އާޚުރުތުގައި މާތްﷲ ގެ ދަރުބާރުގައި ނުބެޗޭނެ ލުއްޗާތަކަކަށް!

  3. ނޫރާ

    ސިޔާސީ ވާންނުޖެހޭ ބަޔަކު ސިޔާސީވެ ޖިނާއީ ކުށްކުރީމަ ސިޔާސީ މީހުންނޭ ކިޔާފަވީ ދޫކުރަންތަ؟

  4. ނުރަބޯ

    ގޭގާބަންދުކުރާކަށް ޖާގައެއްނެތް. އެހެން މުޖުރިމުންވެސް ދޫކޮށްލި ގޮތައް އަވަހަށް ދޫކޮށްލާ. ރިޝްވަތު މަހުޖަނު އަންގަނީ އެގޮތަށް.