ދުނިޔޭގެ އެންމެ ބިންހެލުން ގިނަ ސަރަހައްދު، "ޕެސިފިކް ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެއް ކަމަށްވާ ފީޖީގެ ކަނޑުގެ އަޑިއަށް ރޭވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ރޭ ފީޖީއަށް ބިންހެލުން އައިސްފައިވަނީ ކަނޑުގެ 534 ކިލޯމީޓަރު އަޑިންނެވެ. އެ ބިންހެލުން ފުރަތަމަ ރެކޯޑުކުރެވުނީ 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި ނަމަވެސް، ބިންހެލުމުގެ ބާރުމިން ވަނީ 6.7 ތިރިކޮށްފައެވެ.

ފީޖީއަށް އައި ބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. އަދި ބިންހެލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ދެ މަސް ކުރިންވެސް ފީޖީ އަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 652 ކިލޯމީޓަރު އަޑިން 7.8 މެގްނިޓިއުޑްގެ ބާރުމިނުގައިއެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ސަރަހައްދަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ސަރަހައްދެކެވެ.އެ ސަރަޙައްދަކީ އަބަދުވެސް ބާރު ގަދަ ބިންހެލުންތައް އަންނާނެ ކަމަށް، ތަޖުރިބާކަރުން ބުނެފައިވާ ސަރަޙައްދެކެވެ. ޕެސިފިކް ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި ގާތްގަނޑަކަށް 400އަށް ވުރެ ގިނަ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

ދެހާސް ހަތަރުވަނަ އަހަރު އެ ސަރަހައްދު ހިމެނޭ އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުންސުރެ މިހާތަނަށް ފަސްވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

އިންޑިނޭޝިއާއަށް ދެހާސް ހަތަރުވަނަ އަހަރު އައި ބިންހެލުމުގައި އުފެދުނު ސުނީމާ ރާއްޖެއަށްވެސް އަރާފައިވާ އިރު، އެ ސުނާމީގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު