ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، އޭނާ ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމުގެ އިސްތިއުނާފް ޝަަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

މިއަދު އޮތީ މިމައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މިމައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ، މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް މިހާ ހިސާބުން ނިމުނީ ކަމަށާއި ދެން އޮންނާނީ ޙުކުމް ކުރުން ކަމަށެވެ.

މިއަދުގެ ޝަރީޢަތުގައި ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އެމަނިކުފާނު ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފް އިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވަކީލް ހިސާން މިއަދު ކޯޓުގައި ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ނަޝީދު ބައިވެރިވި ކަން ދައުލަތައް އެއްވެސް ކޯޓެއްގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

މިއަދުން މިއަދަށް މައްސަލަ ނިންމައިދިނުމަށް ނަޝީދު އެދިވަޑައިގެންނެވުމުން އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިއަދުން މިއަދަށް މައްސަލަ ނިންމަން ދަތިވާނެ ކަމަށާއި ނަމަވެސް މިއީ އަވަހަށް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މައްސަލަ ވަރަށް އަވަހަށް ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މައްސަލައިގެ ޙުކުމް އިއްވާނެ ތާރީޚެއް އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު