ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ކަމުގެ ހުވާ މިދިޔަ ހޮނިހުރު ދުވަހު ކުރެއްވި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކެބިނެޓުން ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު މެމްބަރުން ކުރެއްވި ހުވަޔާ އެއްގޮތަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު ގައުމަށް ހިދުމަތް ކުރައްވާ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސްކަންވެސް ކުރައްވާ އަލީ ޒާހިރު ޗީފް އޮފް ސްޓާފުގެ މަގާމަށް ރައީސް އިބޫ އަންޔަން ކުރައްވާފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގައެވެ.

ރައީސް އިބޫ ސޯލިހްގެ ކެބިނެޓް އިއުލާނުކޮށް، ވަޒީރުން ހުވާކުރައްވާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއިމެދު އާންމުން ގެންދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ބަހުސްކުރަމުންނެވެ. އެގޮތުން ބައެއް ބޭފުޅުންނަށް ވަޒީރުކަން ހައްގު ނޫންކަމަށް ބައެއް އާންމުން ބުނަމުންދާއިރު، ވަޒީރުކަން ހައްގު ބައެއް ބޭފުޅުންގެ ނަންތައްވެސް ދަނީ ހާމަކުރަމުންނެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހަށް ދާހިލީ ވަޒީރެއްގެ ގޮތުގައި އައްޔަން ކުރެވުނު އައްޝައިޚު އިމުރާން އަބުދުﷲ އައްޔަނު ކުރެއްވުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަށް ޤަބޫލުކުރަންޖެހޭ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ ވިދާޅުވެފައެވެ.

ވަޒީރު ކަމުގެ ޝަރުތު ހަމަނުވާތީ އިމްރާން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިމްރާންގެ ކިބައިގައި ވަޒީރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ނެތް މައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.