ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އައްޑޫ ސިޓީއިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އައްޑޫ ސިޓީގެ ކައުންސިލް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ސިޓީ ކައުންސިލް މެމްބަރުން މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ހެނދުނު ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ނުކުރެވި ހުރިކަންކަން ފާހަގަކުރައްވައި، އައްޑޫ ސިޓީގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް ސިޓީ ކައުންސިލް މެމްބަރުން އަލިއަޅުވައިލައްވާފައިވެއެވެ. މީގެ ތެރޭގައި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އައްޑޫ ސިޓީއިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އައްޑޫ ސިޓީގެ ކައުންސިލް މެންބަރުން ވަނީ ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.

އައްޑޫ ސިޓީ ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގުތަކުގެ ހާލަތުގެ އިތުރުން ތަޢުލީމީ ދާއިރާ އާ ބެހޭގޮތުން މަޝްވަރާކުރައްވައި މި ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތަށް ރާއްވަވާފައިވާކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅިކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މިސަރުކާރުން ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ސަރުކާރުގެ ސިޔާސަތު އިސްލާޙުކޮށް ސިޓީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ބާރު އަޅުއްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Miadhu

    ވަކި ދައުލަތެއް އުފެއްދުމާއި ދިމާލަށް މިސްރާބުޖެހީދޯ. ތިކަމްވާނެ އަންނި ރައީސަކަށް ހޮވަން އރއއބަސްވާނަމަ

  2. ޔާމިން

    އައްޑޫސިޓީޖެހޭނީއޮޅާލަން ހަމަމާލެތަރައްގީކުރުންއޮތީ ދެންލަލަލާ