ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތާއި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓީވީގެ ހިދުމަތް ބ. ތުޅާދޫގައި މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

ދިރާގުން ހާމަކޮށްފައި ވަނީ މިހާރު ތުޅާދޫގެ ގޭބިސީތަކާއި ވިޔަފާރިތަކަށް ހައިސްޕީޑް ފައިބަރ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ފުރިހަމައަށް ލިބެމުންދާނެ ކަމަށެވެ. އަދި ތުޅާދުއަށް މިއަދު ތައާރަފް ކުރި ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ އިންޓަނެޓް ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެއްކަމަށްވެސް ދިރާގުން ހާމަކޮށްފައިވެއެވެ.

ބ. ތުޅާދޫ ގެ އިތުރުން އެ އަތޮޅު އޭދަފުށި އަދި ދަރަވަންދޫގައިވެސް ދިރާގުން ވަނީ ހައިސްޕީޑް ފައިބަރ އަދި ދިރާގު ޓީވީގެ ހިދުމަތް ގާއިމްކޮށްފައެވެ.

ދިރާގުން ވަނީ މިމަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. އެ ޕްރޮމޯޝަނުގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން ފައިބަރ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބަރ ޓު ދަ ހޯމް"ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅު ތެރޭގެ 41 ރަށަކަށް ފޯރުކޮށްދެމުން ދެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް ދިރާގުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު