12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ބައިވެރިވެވަޑައި ނުގެންނެވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު ހުށަހެޅި މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މިއަދު އާންމު ކުރި ވޯޓުގެ ނަތީޖާގައިވާ ގޮތުން ވޯޓުގައި ބައިވެރިވެވަޑައި ނުގަތީ ނަޝީދާއި މުހައްމަދު ހުސެއިން އެވެ. ސަރުކާރަށް ތާއީދުކުރައްވާ މި ދެ މެމްބަރުން ވޯޓުގައި ބައިވެރިވެ ވަޑައިނުގެންނެވި ސަބަބެއް އެނގިފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މި ބިލްގައި ބުނެފައި ވަނީ އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތުން ހިމެނެއެވެ.
ނަމަވެސް ޕާޓީއަކާ ގުޅިވަޑައިގަތުމަށް ޕާޓީ ބަދަލު ކުރުން ނުވަތަ ވަކި ކުރުން ނުވަތަ ވަކިވެއްޖެ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް ބުނާ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.
އެއީ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އެވެ.
ގަދަ!