ހޯމް މިނިސްޓަރު ޝައިހް އިމްރާން ޢަބްދުﷲ ގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މި މައްސަލައިގެ އަޑުއެހުންތައް ނިންމާލިއިރު މިއީ މި މައްސަލައިގެ ފުރަތަމަ އަދި ފަހު އަޑުއެހުމެވެ. އިމްރާންގެ ފަރާތްޕުޅުން 12 ކަމެއް އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އިމްރާންގެ ފަރާތްޕުޅުން ފާހަގަކޮށްފައިވަނީ، އިމްރާންގެ މައްޗަށް ދައުލަތުން ޓްރަރިޒަމްގެ އަމަލެއް ކުރިމަކަމުގެ ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/1990) ގެ 2 ވަނަ މާއްދާގެ (ކ) އާ ޚިލާފަށް ކަމަށް ބުނާ ބުނުމެވެ. އިމްރާންގެ ވަކީލު ނޫރުއްސަލާމް ޢަބޫބަކުރު ވިދާޅުވީ، އަނިޔާވެރިކަމަށް ހިތްވަރުދީ މޭޑޭ މުޒާހަރާގައި އިމްރާން ވާހަކަ ދައްކަވާފައި ނުވާ ކަމަށާއި، އިމްރާން ދެއްކެވި ވާހަކައަކީ އެ މާއްދާގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވާހަކަތަކެއްވެސް ނޫން ކަމަށެވެ.

އިމްރާންގެ ފަރާތްޕުޅުން ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިމްރާނަށް އިއްވާފައިވާ ހުކުމަކީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް އިއްވާފައިވާ ހުކުމެއް ކަމެވެ. ވަކީލު ވިދާޅުވީ، މި މައްސަލައިގައި ތިން ކަމެއް ދައުލަތުން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން އަނިޔާވެރިކަމަށް ހިތްވަރުދީ އިމްރާން ވާހަކަ ދައްކާފައިވުމުގެ އިތުރުން، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް މުޒާހަރާގެ ބައިވެރިން ވަދެފައިވަނީ އިމްރާން އަންގައިގެން ކަމާއި، އެތަނަށް ވަދެ ގެއްލުންދީފައިވަނީ އިމްރާންގެ ވާހަކައިން ހިތްވަރު ލިބިގެން ކަން ސާބިތު ކޮށްދޭންޖެހޭއިރު އެ އުންސުރުތައް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާންގެ މި ހުށަހެޅުމަށް ރައްދު ދެއްވައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލު، ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ ޝަފާ އިބްރާހީމް ވިދާޅުވީ، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު 10/1990 އަދި 32/2015 އަށް ބަލާއިރުވެސް އިމްރާންގެ ކުށަށް ކަނޑައެޅިފައިވަނީ އެއް އަދަބެއް ކަމަށާއި، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފު ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އިތުރަށް ދައުލަތުގެ ވަކީލުން ވިދާޅުވީ، ކުށުގެ ދެ ރުކުންވެސް ޝަރީއަތަށް ސާބިތު ކޮށްދީފައިވާނެ ކަމަށާއި، އަނިޔާވެރި އަމަލުތައް ހިނގާދިޔައިރު، އެކަންކަން ހުއްޓުވުމަށް އިމްރާން އެއްވެސް ކަމެއް ކުރައްވާފައި ނެތް ކަމަށެވެ.

އިމްރާން އިސްތިއުނާފުގައި ފާހަގަ ކުރައްވާފައިވަނީ މުޒާހަރާގައި ދައްކަވާފައިވާ ވާހަކައަކީ އަނިޔާވެރިކަމަށް ހިތްވަރު ދޭގޮތަށް ދައްކާފައިވާ ވާހަހައެއް ނޫން ކަމަށާއި، ދައުލަތުން ކުރާ ދައުވާއަކުން އިމްރާން ދެއްކެވި ވާހަކަ ބަދަލުވެގެން ނުދާނެ ކަމަށެވެ. އަދި އަނިޔާވެރިކަން އިސް ނުކުރުމަށް ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންގެ ކިބައިން އެދިފައިވާނެ ކަމަށްވެސް އިމްރާންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

މި ވާޙަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް ބައެއް ފަހަރަށް އަނިޔާވެރި ނުވުމަށް ވިދާޅުވެފައިވީ ނަމަވެސް، އަނިޔާވެރިކަމަށް ހިތްވަރުދީ އިމްރާން ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެކަންކަމުން ބަރީއަވެވަޑައި ނުގެންނެވޭނެ ކަމަށެވެ. އަދި އިމްރާންގެ އިތުރުން ފުލުހުންގެ ސަފު ފަޅާލައި ޕިކަޕް ދުއްވި މީހާއަށް ޓެރަރިޒަމްގެ ދައުވާ އަދި އަނިޔާކުރި މީހުންނަށް އެހެނިހެން ދައުވާތައް އުފުލިފައިވާ ކަމަށްވެސް ދައުލަތުން ސްޕްރީމް ކޯޓުގައި ވިދާޅުވިއެވެ.

އިސްލާމީ ޤާއިދާއަކާ ހަވާލާދެއްވައި ޝެއިޚް އިމްރާންގެ ފަރާތްޕުޅުން ނޫރުއްސަލާމް ސްޕްރީމް ކޯޓުގައި ވިދާޅުވީ، އެހެން މީހަކު ކުރާ އަމަލެއްގެ ޒިންމާ އެހެން މީހަކު ނަގަން ނުޖެހޭނެ ކަމަށެވެ. އަދި އެދުވަހު ފުލުހުންނަށް އަނިޔާކުރި މީހުންނާ އިމްރާން އާ އޮތީ ކޮން ގުޅުމެއް ކަމާއި، އެއީ ކޮން ބައެއްކަން ދައުލަތުން ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދީފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު އިމްރާންގެ މައްޗަށް ކުށް ސާބިތުކުރިއިރު ސިއްރުން ހެކިބަސް ނަގާފައިވާ އެކަކީ މުޒާހަރާގެ ބައިވެރިއެއްވެސް ނޫން ކަމަށާއި، މުޒާހަރާގެ ބައިވެރިން އެ އަމަލުތައް ހިންގީ އިމްރާންގެ ވާހަކައިން ހިތްވަރު ލިބިގެން ކަމަށް އެ ހެކިވެރިޔާގެ ބަހަށް ރިއާޔަތް ކޮށް ނިންމާފައިވަނީވެސް ޤާނޫނާ ޚިލާފަށް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު ކޮށްފައިވަނީ ދިފާއީ ހެކިން ހާޒިރު ކުރުމުގެ ފުރުޞަތު ދިނުމަކާ ނުލައި ޤާނޫނުން ލިބިދޭ އެ ހައްޤުވެސް ލިބިދިނުމަކާ ނުލައި ކަމަށާއި، ހެކިންނާ ސުވާލު ކުރުމަކާ ނުލައި ބައެއް ހެކި ބަލައި ނުގަތުމަށާއި، ހެކި ވަޒަންކުރުމުގެ ބާރު ފަނޑިޔާރުންނަށްވެސް ލިބިދީފައި ނުވާކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. އަދި އެއީ މަތީ ކޯޓުތަކުގެ ނިންމުންތަކާ މުޅިން ޚިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ވިދާޅުވީ، އިމްރާން އެދިފައިވަނީ އެންމެ ހެއްކެއް ހުށަހެޅުމަށް ކަމަށާއި، އިތުރު ހެކި ހުށަހަޅަން ބޭނުން ނުވާކަމަށް ޝަރީއަތުގެ މަޖިލީހުގައި އިމްރާޏް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައްދުގައި ނޫރުއްސަލާމް ވިދާޅުވީ، އިތުރު ހެކި ސިޓީއަކުން ހުށަހެޅި ކަމަށާއި، ނަމަވެސް އެކަންކަމަށް ކްރިމިނަލް ކޯޓުން އެއްވެސް ވަރަކަށް ސަމާލުކަން ދެއްވާފައި ނުވާ ކަމަށެވެ.

އިމްރާންގެ ވަކީލުން ސްޕްރީމް ކޯޓުގައި ވިދާޅުވީ، މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު މައްސަލަބެއްލެވި ގާޒީ ހުންނެވީ ވަކި ގޮތަކަށް ނިންމައިގެން ކަމަށް ހުދު ގާޒީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން ޝަރީއަތް ހިންގާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޚިލާފުވެފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ މަސްޢޫލިއްޔަތުތައް އަދާޚުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ކަނޑައަޅާފައިވާ އެ މާއްދާޣެ 3 ވަނަ ނަންބަރުގައި ބުނެފައިވަނީ ޝަރީއަތް ކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެގެހުރެ، މުސްތަޤިއްލުކަމާއެކު ކަމަށެވެ.
މި ނުކުތާގައި އިމްރާންގެ ފަރާތުން ހުށަހަޅާފައިވާ

ކަންކަމަށް ދައުލަތުން އިންކާރު ކުރައްވައި ވަކީލުން ވިދާޅުވީ، އިމްރާންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިންގާފައިވަނީ ފަނޑިޔާރުން އަމަލުކުރަންޖެހޭ އެއްވެސް އުޞޫލަކާ ޚިލާފަށް ނޫން ކަމަށެވެ.

އިމްރާންގެ ފަރާތްޕުޅުން ފާޙަގަކުރެއްވި ގޮތުގައި އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއާ ޚިލާފަށް އެ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމަށް އަރައިގަނެފައިވާ ހުކުމެއް ކަމަށެވެ. އަދި އެ މުޒާހަރާ ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ފުލުހުންނަށް ނޯޓިސްދީގެން ބާއްވާފައިވާ އެއްވުމެއް ކަމަށާއި، އެއްވުމުގެ ކުރިންވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އެދިފައިވާ ކަމަށް އިމްރާންގެ ވަކީލުން ވިދާޅުވިއެވެ.

ހަމައެއާއެކު މުޒާހަރާގައި ވަކި ފަރުދުން ހިންގާ ކަންކަމަށް އިސްވެ ހަރަކާތްތެރިވި އިމްރާން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް ބުނެފައިވާ ކަމަށާއި، އެއްވުން ބާއްވާފައިވަނީ ފުލުހުންގެ ހުއްދައާއެކު ފުލުހުންގެ އެއްބާރުލުމާވެސް އެކުގައި ކަމަށް އިމްރާންގެ ވަކީލުން ވިދާޅުވިއެވެ. އަދި އެއްވެ އުޅުމުގެ ހައްޤުގެ (ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގެ) ބޭރުން ކޮށްފައިވާ އެއްވެސް ކަމެއް ކްރިމިނަލް ކޯޓުގައި ދައުލަތުން ސާބިތުކޮށްދީފައި ނުވާކަންވެސް ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު އަދާލަތުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، އެ މުޒާހަރާގައި އާއްމު މަސްލަހަތު ގެއްލި ހިނގާ ކަންކަމަށް އަދާލަތު ޕާޓީއާއި، އަދާލަތުގެ އިސް ވެރިން ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިމްރާނަށް އިއްވި ހުކުމަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ހިންގާފައިވާ ޝާރީއަތަކުން އިއްވާފައިވާ ހުކުމެއް ކަމަށްވެސް އަދުގެ ހޯމް މިނިސްޓަރު އިމްރާންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި ވިދާޅުވިއެވެ. އެގޮތުން އެކި ގޮތްގޮތަށް އިމްރާންގެ ޝަރީއަތް ލަސްކޮށްފައިވާ ކަމަށް އިމްރާންގެ ވަކީލުން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެކަންކަމަށް ދައުލަތުގެ ވަކީލުން ވަނީ އިންކާރު ކުރައްވާފައެވެ. އިތުރު ކަމެއްގެ ގޮތުގައި އިމްރާންގެ ފާހަގަކުރައްވާފައިވަނީ އިމްރާނަށް އިއްވި ހުކުމުގައި ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނުނު) އަށް ހަވާލާދީފައިވާއިރު، އެ ޤާނޫނާ ޚިލާފަށް ހިންގާފައިވާ ހުކުމެއް ކަމެވެ.

ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމަށާއި، ޤާނޫނުން ލިބިދޭ ރައްކާތެރިކަމާއި، މަންފާތައް ލިބުމުގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއްކަމަށް ކަނޑައަޅާފައިވާ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ހިންގާފައިވާ ޝަރިއަތެއް ކަމަށްވެސް އިމްރާންގެ ފަރާތުން ސްޕްރީމް ކޯޓުގައި ނޫރުއްސަލާމް ވިދާޅުވިއެވެ. އެގޮތުން އެތައް ބަޔަކު ހިންގާފައިވާ އަމަލުތަކެއްގެ ޒިންމާ އިމްރާން އެކަނި އުފުލަން ޖެހި، އެހެން ފަރާތްތަކުގެ މައްޗަށް މި ދައުވާ އުފުލާފައި ނުވާކަން ނޫރުއްސަލާމް ފާހަގަ ކުރެއްވިއެވެ.
މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު ޝަފާ އިބްރާހީމް ވިދާޅުވީ، އެ އޮފީހުން އެއްވެސް ރައްޔިތަކާ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާ ކަމަށާއި، އިމްރާން ރާއްޖޭގައި ހުރުމުން ޝަރީއަތް ކުރިއަށް ގެންދެވުނުއިރު، އެހެން ފަރާތްތައް ރާއްޖެ ދޫކޮށް ގޮސްފައިވާތީ ޝަރީއަތްތައް ކުރިއަށް ގެނެދެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.

އިމްރާންގެ ވަކީލުން އެންމެ ފަހު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމް އިއްވި ހުކުމުން އިމްރާނުގެ މައްޗަށް ކުށް ސާބިތުވަނީ ކޮން ހެއްކާއި، ޤަރީނާއެއްގެ މައްޗައްކަން އެނގެން ނެތް ކަމަށާއި، ކުށުގެ އުންސުރުތައް ފުރިހަމަވެފައިވެސް ނުވާ ކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެފައި ނުވާކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
އަދުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲގެ ފަރާތްޕުޅުން މަޝްހޫރު ޤާނޫނީ ވަކީލު ނޫރުއްސަލާމް ޢަބޫބަކުރު ސްޕްރީމް ކޯޓުގައި ވިދާޅުވީ، ހުކުމުގެ ނަސްސުންވެސް އަދި ދައުވާގެ ޞީޣާއިންވެސް ކުށް ސާބިތުވާ ގޮތް އެނގެން ނެތްއިރު، އެތައް ކަމެއް ޤާނޫނާއި، ޤާނޫނު އަސާސީއާ ޚިލާފަށް ހިނގާފައިވާތީ، ޓްރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށް ސާބިތުވާކަމަށް އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބާތިލު ކޮށްދެއްވުން އެދޭ ކަމަށެވެ.

ނަމަވެސް، ޕްރްސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތްޕުޅުން ސީނިއަރ ޕްބަލިކް ޕްރޮސެކިއުޓަރ ޝަފާ އިބްރާހީމް ވިދާޅުވީ، ކުށް ސާބިތު ވެފައިވާގޮތް ޝަރިއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށާއި، އެ އޮފީހުން އެދެނީ މި މައްސަލައިގައި ސްޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުން ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން އެދޭ ވަކި ގޮތެއް ވިދާޅެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ ވަކީލުންވެސް އެދިލެއްވީ މި މައްސަލައިގައި ވަރަށް އަވަސް ހުކުމެއް އިއްވައިދެއްވުން އެދޭ ކަމަށެވެ. ޝަރިއަތުގެ އަޑުއެހުންތައް ނިންމަވާލެއްވީކަން އިއުލާން ކުރައްވަމުން އިސް ފަނޑިޔާރު ވިދާޅުވީ، މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ފާހަގަ ނުވާނަމަ ދެން އޮންނާނީ ހުކުމް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާފާއިޒު

    އަޑުއެހުންތަކެއް ބޭއްވުމަކީ ބޭކާރު ކަމެއްކަމުގައި. މާކުރިން އޮތީ ހުކުމް ނިމިފަ.
    އެހުރީ މިނިސްޓަރު ކަން ދީފަ.
    މިހާރު ދެކޮޅަށް ހެކިދޭނެ ފުލުހަކުވެސް ނުހުންނާނެ.

    އެންމެ ރަނގަޅުވާނީ މިދިއަ ފަސްއަހަރު ތެރޭ ހިނގި ހުރިހާ ކަމެއް އެއީ ނުހިނގާ ކަންކަމަށް ހެދިއްޔާ.

    ބުރިޖުވެސް ނާޅާކަމަށް ހުކުމްކުރޭ

  2. ވުޒާރާ

    ކީއްކުރަން ވަގުތުބޭކާރުކުރަނީ އިމުރާނުގެ ކުށެއްނެތް ކުއްވެރިވަނީ އެތަނަށް ދިޔަރައްޔިތުންނާ ސަރުކާރު. އެނިމުނީ ހުކުމްއިއްވުން ލަސްނުކޮށް މިއަދު ނިންމާލާ ތިއީ މިހާރު ދާހިލީ ވަޒީރު.

  3. 3 އ

    ގައިމުވެސް ފުލުހުންނާއެކު ބޭއްވި ބައްދަލުވުގައި މުޒާހަރާ ރާވާ ހިންގަނީ އަދާލަތު ޕާޓީގެ ފަރާތުންނޭ ތި އިމްރާނު ބުނި. ރަށްރަށުން މީހުންގެނެސް ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށްބުނި އޭނަހުރި ތަނުގައި ހުރެ ނަމާދަށް ގޮވި ވަގުތު އިސްލާމީ މަރުކަޒަށް ދިއުމަށް ގޮވާލީއިރު އެ އެންމެނަށް އެތަނުގައި އެއްފަހަރާ ނަމާދު ކުރުމަށް ޖާގަނޯންނާނެކަން ތި އިމްރާނަށް ވެސް އެގޭނެ. އަދި އޭރު އެ ސަރަހައްދު އޮތީ ބަންދު ކޮށްފަ ކަންވެސް އެގޭނެ. ދެން ކީއްވެ އެ މީހާ ކައިރީގަ އެގޮތަށް ނުގޮވަން ނުބުނީ ތިމާގެ އަމިއްލަ ޕާޓީން އިސްނަގައިގެން އެ ހަރަކާތް ހިންގިއިރު. ކަމެއް ރާވާ ހިންގުމަކީ އެ ހަރަކާތުގައި ހިނގާ ކަންކަމަށް ޒިންމާވުން. ދެން ކޮން ވާހަކައެއް ދައްކާކަށް. މިފަދަ މުނާފިގުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާނެ. އިންސާ ﷲ.