އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު ރުޅިވެރިކަމެއް ނެތް ކަމަށާއި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި އިންޑިއާގެ ބޭންކުތަކާއި ކުންފުނިތަކުން ބައިވެރިވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު އެހެން ވިދާޅުވީ ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމާއި ބޭރުގެ އިންވެސްޓުމެންޓުތަކަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގައި ރިސޯޓު ހިންގާ ބޮލީވުޑް ތަރިން ތިބި ކަމަށެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރި ނަމަވެސް ގައުމު އޮތީ އަމާން ކޮށް ކަމަށް ވިދާޅުވެ މިނިސްޓަރ ޒަމީރު ވިދާޅުވީ ބޭރުގެ ފަތުރުވެރިންނަށް ރާއްޖެ އަކީ ވަރަށް އަމާން ތަނެއް ކަމަށެވެ.

" ރާއްޖޭއަށް އަށް ޒިޔާރަށް ކުރާ ބޭރުގެ ފަތުރުވެރިނަށް ރާއްޖެއަކީ އަމާން ތަނެއް, ކުއްލި ހާލަތު އިއުލާން ކުރީ ގާނޫނު އަސާސީއާއި ހިލާފަތް ބަޣާވާތެއް ގެނެސް ސަރުކާރު ވައްޓާލަން އުޅުމުން " މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ކުއްލި ހާތަލުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތަށް އަސަރެއް ނުކުރާކަން ވެސް ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ އެތައް ގޮންޖެހުންތަކާއި އެކުވެސް ވޭތުވެ ދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓިރީ ވަނީ ބޮޑެތި ކުރިއެރުން ތަކެށް ހޯދާފައި ކަމަށެވެ.