މިޔަންމާ ސިފައިންގޭ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހުނު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތުން ހޯދި ފައިސާއަށްވީ ގޮތެއް ނޭނގުނު ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ފައިސާތައްވީ އެކަމަށް ހާއްސަކޮށް ހެދި ބީއެމްއެލްގެ އެކައުންޓުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރޮހިންޖާ ފަންޑަށް ލިބުނު ފައިސާއަށްވީ ގޮތެއް ސަރުކާރުން ނުބުނި ކަމަށް ބުނެ އިއްޔެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން "އަވަސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން އުފެއްދި ކޮމެޓީއެއްގެ ދަށުން ކަމަށެވެ. އަދި އެއީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފަންޑަށް ލިބުނު ފައިސާ ދިވެހި ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ނުވަތަ މިނިސްޓްރީއެއްގެ އެކައުންޓަކަށް ޖަމާކޮށްފައެއް ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ޖަމާކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ރޮހިންޖާ ފަންޑުގެ ނަމުގައި ހެދި ހާއްސަ އެކައުންޓަކަށް ކަމަށެވެ. އަދި އެ ފައިސާ ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަނަ ދުވަހު ބޭންކްގައި އެދިފައިވާނެ ކަމަށް މިނިސްޓަރ ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން ފައިސާތައް ޖަމާކުރުމުގައި ބޭންކްގެ އިދާރީ ކަންކަމަށް ހޭދަވާ ވަގުތުތައް ސާފުކުރަން ޖެހޭނީ ބޭންކް ކަމަށާއި ވީ އެންމެ އަވަހަށް އެ ފައިސާ ޖަމާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ބޭންކްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އާންމުކޮށް އިއުލާންކޮށްފައިވަނިކޮށް ފައިސާތައް ވީތަނެއް ނޭނގުނު ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފަންޑަށް ލިބުނު ހުރިހާ ފައިސާއެއް ވެސް ގުނީ ގައުމީ ޓީވީއިން ލައިވްކުރަމުން މީރާގެ މުވައްޒަފުން ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޖުމްލަ 18 މިލިއަން ރުފިޔާ ފަންޑަށް ލިބުނުކަން މީގެ ކުރިން ވެސް އިއުލާންކޮށްފައިވާނެކަން ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު