މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން، މަޙްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ "ހިނގާފައި ނުވާ ކަމެއްގެ މަޢުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ" ކުށުގެ ދައުވާގެ ހުކުމް އިއްވުން މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.

މަޙްލޫފުގެ މައްޗަށް ހުކުމް އިއްވުމަށް މާދަމާ ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާކަން ހާމަކޮށް މަޙްލޫފުވަނީ ކޯޓު އަމުރު ޢާއްމުކޮށް ޓްވީޓް ކުރައްވާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ މާދަމާގެ މައްސަލަތަކުގެ ތާވަލުން މަޙްލޫފުގެ މައްޗަށް ހުކުމް އިއްވުން ތާވަލުކޮށްފައިވާކަން އެނގޭކަށް ނެތެވެ.

މަޙްލޫފުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ޖަލުގައި ނުހިނގާ ކަންތައްތަކެއް ހިނގިކަމަށް ބުނެ މަޙްލޫފު ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި މަޚްލޫފު ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ މައުލޫމާތު ދިނުމަކީ އާންމު މިންގަނޑުން ބަލާނަމަ ފޯރު ކުރުން ނުވަތަ ރައްދު ކުރުން ކަމަށެވެ. އަދި މަހްލޫފުގެ ޓްވީޓަކީ ގާނުނު ތަންފީޒު ކުރާ މުވައްސަސާތައް އިސްތިސްނާ ނުވާ ގޮތައް މުޅި މުޖްތަމައުއަށް ހުޅުވިގެން ދިން މައުލޫމާތެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެ ދައުވާއަށް އިންކާރުކޮށް މަޙްލޫފު ވިދާޅުވެފައިވަނީ އަމިއްލަ ޓްވިޓާ އެކައުންޓުން ކުރާ ޓްވީޓުތަކަކީ ފުލުހުންނަށް މައުލޫމާތު ދިނުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޓްވީޓު ކުރުމަކީ މަނާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ޓްވީޓު ކުރެއްވީ އޭގައިވާ ވާހަކަތައް ކުރެވިފައިވާ ތަޖުރިބާތަކުގެ ސަބަބުން ގަބޫލުފުޅު ކުރައްވާތީ ކަމަށްވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

އައު ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަޤާމަށް މިމަހުގެ 17 ވަނަ ދުވަހު މަޙްލޫފު އައްޔަން ކުރެއްވިއިރު، މިމަހުގެ 18 ވަނަ ދުވަހު މި މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލު ކޮށްފައިވެއެވެ. ނަމަވެސް އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާއެކު އެދުވަހު ހުކުމް އިއްވޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގާސިމު

    މިނިސްޓަރ އޮފް ދޮގުހަދާ މަހުލޫފު

  2. Anonymous

    މިނިސްޓަރ އޮފް ރީލޯޑް އައް މިނިސްޓަރުކަންގެއްލޭނެ ހުކުމެއް އަންނަ ކަމައްވަނީ

  3. ޖޮއްބެ

    އޮނަރަބަލް ރިލޯޑޭ.

  4. ޣުލާމް

    އިއްވާނެ ޙުކުމް ކުރިއަށް އެނގޭތީ ދޯ ކެބޮނެޓަށް އިސްކުރާނީ. ކޮރަޕްޓް ކޮރަޕްޓް ކޮރަޕްޓް

  5. ނިޔާ

    ޢަނގަ މަހޭ އަށް ވީ އެންމެހަރުކަށި ޙުމެއް އެދެނީ