ރާއްޖޭން އިންޑިއާ އަށް އިސްކަން ދިނަސް އެކަމާ ކަންބޮޑު ނުވާކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ދަ ގްލޯބަލް ޓައިމްސް" ގައި އިއްޔެ ޝާއިއު ކޮށްފައިވާ އެޑިޓޯރިއަލްއެއްގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެ، އިންޑިއާގެ ސިޔާސަތުތައް ރާއްޖޭން ގެންގުޅުމަކީ، ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އަދި އެކަމާ ޗައިނާއިން ދެކޮޅުވެރިވެސް ނުވާނެ ކަމަށެވެ.

"ދަ ގްލޯބަލް ޓައިމްސް"ގެ ލިޔުމުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އިންޑިއާއާ ގާތް ބޭފުޅެއް ކަމަށް އިންޑިއާ އަދި ހުޅަނގުގެ މީޑިއާ ތަކުން ބުނާ ކަމަށާއި ރާއްޖެ ފަދަ ކުދި ގައުމުތަކުން ވެރިކަން ބަދަލުވުމާއެކު ހާރިޖީ ސިޔާސަތު ބަދަލުކުރާ ނަމަ، އެކަމުގެ އުދަނގޫ ޗައިނާގެ އިތުރުން އިންޑިއާއަށްވެސް ކުރާނެ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޗައިނާގެ ސަފީރާ ބައްދަލު ކުރައްވަނީ

"އިންޑިއާގެ އަވައްޓެރި ގައުމުތަކާ ޗައިނާ އިން ގުޅުން ބަދަހި ކުރަނީ ސްޓްރެޓީޖިކް ގޮތުން އިންޑިއާ ބަލިކަށިކޮށްލުމުގެ ބޭނުމުގައި ނޫން. އިންޑިއާގެ އިތުބާރު ހޯދުމަށް ޗައިނާ އިން އަންނަނީ މަސައްކަތް ކުރަމުން" ޗައިނާ ނޫހުގައި ބުނެފައިވެއެވެ.

ޗައިނާއިން މިހެން ބުނެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވަކި ފަރާތަކަށް ބުރަވެފައި އޮތް އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެއެއްބަސްވުން އުވާލަނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވާފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އިޤުތިޞާދީ ގޮތުންނާއި ޚާރިޖީ ގޮތުންވެސް ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. އެގޮތުން ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުޙިއްމު ބައިވެރިޔާއަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. عبدالله

    ރައްޔިތުންގެ އަތުން ވޯޓްހޯދުމަށް ހުށަހެޅި މެނިފެސްޓޯގައި ޚާރިޖީ ސިޔާސަތު ބިނާކުރަން ނިންމާފައިވާ ގޮތް ހަނދާނުން ފުހެލައިގެން ކަމުދާނެތޯ ސުވާލުއުފެދެއެވެ.