އައްޑޫ ސިޓީ ތިން ގެއަކަށް ގްރޫޕަކުން ތޫނު ހަތިޔާރު ހިފައިގެން ވަދެ، އެގެތަކުގައި ހުރި ތަކެއްޗެއް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
"ވަގުތު"އަށް އެނގިފައިވާ ގޮތުގައި މިއަދު އައްޑޫއިން ހައްޔަރު ކުރެވުނު ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރެވުނު މީހުންގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އައްޑޫ ސިޓީ ގްރޫޕަކުން ވަނީ ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނު 09:00 އާއި ދެމެދު ތިން ގެއަކަށް ވަދެ ގެއްލުން ދިނުމުގެ އިތުރުން އެއް ގެއެއްގައި އަލިފާން ވެސް ރޯކޮށްލާފައެވެ. އެމީހުން ގެއްލުން ދިނީ ހިތަދޫގެ ތިން ގެއަކަށެވެ.
އަލިފާން ރޯކޮށްލި ގޭގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.
އެއް ގެއެއްގެ ތެރޭގައި ހުރި ހިފާގެންގުޅޭ ހުރިހާ އެއްޗަކާއި ފަރުނީޗަރުތައް ވަނީ ހަލާކު ކޮށްލާފައެވެ. ތިންވަނަ ގޭގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން އެގޭގައި ހުރި 12 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާ ވެސް ދީފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ އަށް ހޮސްޕިޓަލުން ފަރުވާ ދީފައި ވެއެވެ.
މިހާދިސާ އާއި ބެހޭ މައުލޫމާތު ފުލުހުން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް އައްޑޫގައި ގްރޫޕް މާރާމާރީތައް ހިނގުން ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަދު ހިނގި ހާދިސާ އަކީ ގްރޫޕް މަރާމާރީތަކާއި ގުޅުން އޮތް ހާދިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ޢޯކޭވާނެ ޖަޒީރާ ރާއްޖޭގަ