ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިންވަނީ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގިކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން، މިރޭ 20:20 ހާއިރު އެކްސިޑެންޓެއްގައި އަނިޔާވެގެން އެހޮސްޕިޓަލަށް ގެންދިޔަކަމަށް އެކުންފުނީގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި އޭގެތެރޭގައި ހިމެނެނީ ފިރިހެނަކާއި ދެ އަންހެނުންނެވެ.

އާސަންދަ އިން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހިނގާފައި ދިޔަ ދެ އަންހެނުންގެ ގައިގައި ފިރިހެން މީހާ ދުއްވާފައި ދިޔަ ސައިކަލު ޖެހުމުންނެވެ.

އެކުންފުނިން އިތުރަށް ވިދާޅުވި ގޮތުގައި އެކްސިޑެންޓް ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ފިރިހެން މީހާއަކީ އުމުރުން 20 އަހަރުގެ، މ. ކޮޅުފުށީ މީހެއްކަމަށެވެ. އަދި، އެކްސިޑެންޓް ވެގެން ގެންގޮސްފައިވާ އަންހެނުންނަކީ އދ. ހަންޏާމީދޫގެ 25 އަހަރުގެ މީހަކާއި ހަމަ އެރަށު 22 އަހަރުގެ މީހެކެވެ.

އެކްސިޑެންޓްގައި ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އެކުންފުނިން ވިދާޅުވީ 25 އަހަރުގެ އަންހެން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށާއި ދެން އަނިޔާވި އަންހެން މީހާ އަށް ލިބުނީ މައިނަރ އިންޖަރީތަކެއްކަމަށެވެ. އަދި، ފިރިހެން މީހާގެ ބޮލަށްވެސް އަނިޔާތަކެއްވެފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިރޭވަނީ ސިނަމާލެ ބްރިޖުގައިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާމަ

    ޙުޅުމާލޭ މަގުތައް މިސަރުކާރުން ވަރަށް އަވަހައް އަލިކޮށްދޭނެ ކަމައް ހީކުރަން

  2. ރޯޒް

    ނިރޮޅު މަގުގައި ހުރަސް ކުރަން ނުހުންނާނެ ޒިބްރާ ކްރޮސް އެއްވެސް.. ވަރަށް ދެރަ ކަމެއް މިއީ..