ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މިއަދު އަނެއްކާވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްފި އެވެ.

މިއަދު އެންމެ ފުރަތަމަ ހައްޔަރުކުރީ އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދެވެ. އަދި އޭގެފަހުން ހައްޔަރުކުރީ މުހައްމަދު ވަހީދު (ވައްޑެ) އެވެ. އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ކޮން ކުށެއްގެ ތުހުމަތުގައި ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

މިހާތަނަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު، އަހްމަދު ޝާހިދު (ސާބެ) އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވެސް ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާތަނަށް ވަނީ ހައްޔަރު ކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް މިއަދުގެ ވަގުތެއްގައި ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއިރު ފުލުހުންގެ ބަންދުގައި އަދިވެސް 30 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު