ރާއްޖޭގެ އެކި ރަށްރަށުގައި ހެދިފައި ހުރި ރުއްތައް ނަގައިގެން، އެހެން ތަންތަނަށް އަދިވެސް ގެންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެގޮތުން، އަލަށް ހަދާ ރިސޯޓުތައް ފެހިކުރުމުގެ ނަމުގައި، މީހުން ދިރިއުޅޭ ބައެއް ރަށްރަށުން ރުއް ކަނޑައިގެން ގެންދިއުން އަދިވެސް ނުހުއްޓޭކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދ.ބަނޑިދޫ އިން ނަގައިގެން، އެސަރަޙައްދުގައި އަލަށް ހަދަމުންދާ ރިސޯޓަކަށް ގިނަ އަދަދެއްގެ ރުއް ގެންދިއުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި ހުރި ގިނަ އަދަދެއްގެ ރުއްތައް ނެގުމަށް މަސައްކަތް ކުރަމުން ދަނީ، އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށެވެ. އަދި، އެކަމަށް އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުން ރުއްގަސް ނަގައިގެން، ރާއްޖޭގެ ބައެއް ރިސޯޓުތަކަށާއި ބައެއް ޤައުމުތަކަށް ގެންދާ މައްސަލަ ފެންމަތިވެފައިވަނީ މި ފަހުންނެވެ. އެގޮތުން ޔޫއޭއީ ފަދަ ބައެއް ޤައުމުތަކަށް ރުއް ގެންދަން މަސައްކަތް ކުރަން އުޅެނިކޮށް، ކަސްޓަމްސް އިން އެކަން ހުއްޓުވާފައިވެއެވެ.

ހަމައެހެންމެ، ރުއްގަސް ނަގައިގެން ގެންދިޔަ މައްސަލައިގައި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އެއިދާރާގެ ޓީމުތައް އެކަން ކުރިމަތިވި ބައެއް ރަށްރަށަށް ފޮނުވާ، އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްވެސް ކޮށްފައެވެ.

ރުއްގަސް ނެގުމާ ބެހޭ ޤަވާއިދުތައް ބުނާގޮތުން، އެއް ރަށަކުން 10 ރުއްގަސް ނެގޭނީ އީޕީއޭގެ ހުއްދައެއް ލިބިގެންނެވެ. އީއައިއޭ އެއް ހަދަން ޖެހެނީ 200 އަށްވުރެ ގިނަ ރުއްގަސް ނަގާކަމުގައިވާނަމައެވެ. 200 ރުއް ނެގުމުގެ ހުއްދަ، ޚާއްޞަ މަޝްރޫޢުތަކާ ގުޅިގެން ދޭއިރު، ގިނަ ރަށްތަކުން ރުއްތައް ނަގާފައިވަނީ މިފަދަ މަޝްރޫޢުތަކާ ގުޅިގެންނެވެ.

ކުރިން ރުއްގަސް ނެގި ރަށްރަށުގެ ތެރޭގައި ށ. ޅައިމަގު، ށ. މަޑިވަރު އަދި ކ. ތުލުސްދޫ ހިމެނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ތިމާވެށި ހިމާޔަތްކުރުމަށް އިސްކަން ދީ، އެކަމުގެ ކަންކަން ފުރަތަމަ 100 ދުވަހު ކުރައްވާނެކަމަށް ވިދާޅުވެފައިވީނަމަވެސް، އައު ސަރުކާރުންވަނީ ރުއްގަސް ނަގައިގެން ގެންދިއުމަށް އަވަސް ހައްލެއް ހޯދުމަށް ނުކުޅެދިފައެވެ.