ޗައިނާ އަށް ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް ބޮޑަށް އެހީވާ ގައުމެއް ކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ 45 އިންސައްތަ ޗައިނާގެ ފަތުރުވެރިން ހިއްސާކުރަމުންދާއިރު ސިޔާސީ މީހުން ހިތްހަމަ ނުޖެހިގެން ކުރާ ޒުވާބުގައި ޗައިނާ އަށް ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މޫސަ މިހެން ވިދާޅުވިއިރު ޗައިނާ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުންދާ ބޭފުޅަކީ، މިހާރުގެ ސަރުކާރުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެގޮތުން ދާދިފަހުން ބީބީސީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވަކި ފަރާތަކަށް ބުރަވެފައި އޮތް އެއްބަސްވުމެއް ކަމަށް ވިދާލުވެ އެއެއްބަސްވުން އުވާލަނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަކި ފަރާތަކަށް ބުރަވެފައި. އެއްބަސްވުމުގައި ހުރި އަދަދުތައް ދިމާވާ ކަމަކަށް ފާހަގައެއް ނުކުރެވޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު މީގެ ކުރިން ވަނީ ރާއްޖެ ވަރަށް ބޮޑަށް ޗައިނާ އަށް ދަރަނިވެރިވެފައިވާ ކަމަށްވެސް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވާހަކަތައް ދޮގުކޮށް ޗައިނާ އެމްބަސީ އިން ވަނީ މައުލޫމާތު ސާފުކޮށްދިނުމަށް ނަޝީދު ޗައިނާ އެމްބަސީ އަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީސް

    ބަލަ އިންޑިޔާއިން ވެރިކަމަން ތިޔަބައި މީހުން ގެނައުމަން ވިގުރުބާން ކޮބައި އެހެންވީމާ ޗައިނާ ދުރުކުރަން މަޖުބޫރުވޭ އޭރުންތަ މިގައުމު އިގްތިސޯދީގޮތުން ދައްވާނި އިންޑިޔާގާވެސް ފާހާނަނުފެންނަ އެތަބަޔަކުއުޅޭ ؟؟ ބަލަގައުމު ހަލާކުކޮއްލަންބޭނުންވާ ބަޔަކުއުޅޭ؟؟