ގާޒީ އަހްމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އިއްވި ހުކުމް ހައިކޯޓުން ބާތިލްކުރުމުން އޭނާ މިނިވަން ވެއްޖެއެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ބުނެ ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ކުށް ސާބިތުވުމުން ނިހާންގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ މައްސަލަ ހައިކޯޓުގައި ގާޒީ ނިހާންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، އެ ކޯޓުން މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ވިދާޅުވީ ނިހާނުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ އުސޫލަތަކާއި ހިލާފަށް ކޮށްފައިވާ ހުކުމަކަށް ވާތީ އެ ހުކުމް ބާތިލް ކުރާ ކަމަށެވެ.

ހައިކޯޓުން މިގޮތަށް ނިންމެވިއިރު ގާޒީ ނިހާން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.

ޓެރަރިޒަމްގެ މައްސަލައިގެ އިތުރުން ނިހާންގެ މައްޗަށް ވަނީ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާ ވެސް އުފުލާގައެވެ. ނަމަވެސް މި ތިން ދައުވާ ވެސް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހު ބާތިލުކޮށްފައެވެ.

ރައީސް ޔާމީން ހައްޔަރުކުރަން އަމުރެއް ނެރުނު މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ވެސް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދުރޭ

    މިހާރުނުތިބޭނެ ކުއްވެރިންނެއް.

  2. ދދދދދ

    ހުރިހާ ބާޣީން މިނިިވަން ކުރޭ. އަވަސް ކުރޭ ލަސް ނުކުރޭ.

  3. ލަބީބު

    ތިޔަވާނީ އޭނަ އެ އަމުރު ނުނެރޭކަމަށް! ހެހެހެ

  4. نصرالله

    الحمد لله.

  5. އިންސާފު

    ކިހާ ދެރަކަމެއް މީ...ދެން ސާބިތެއް ނުވާނެ އެކައްޗެއްވެސް....

  6. އަލިބެއްޔާ

    ނިހާން އަކީ ގާޒީ ކަމަށް ޝަރުތު ހަމަވާ މީހެއް ނޫން.. މުހުތާޒު މުހުޒިން ޕީޖީގައި ހުރި އިރު އޭނަގެ ނުފޫޒުން ގާޒީކަމަށް ނަގާފަ ހުރި މީހެއް. ޑިގްރީއެއް، ޑިޕްލޮމާ އެއް އޮތް މީހެއް ނޫން. މި ފެންވަރުގެ މީހުނަށް މިފަދަ ޒަމާނެއްގައި ގާޒީކަން ދީގެން ނުވާނެ. ކިޔަވައިގެން ތިބި ކުދިންނަށް ފުރުސަތު ނުލިބި މިފަދަ މީހުންނަށް ފުރުސަތު ދީގެން ނުވާނެ.