ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްރީލަންކާ އިން ރާއްޖެ ގެނައި ކަމަށް ބުނާ ސްނައިޕަރު، ލަހީރު މަދުޝަންކަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

މަދުޝަންކަރުގެ އިތުރުން ދެން މި މައްސަލައިގައި ދައުވާކޮށްފައިވާ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްސަލަ ވެސް ކޯޓުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަދުޝަންކަރުގެ މައްސަލަ ކޯޓުން ބޭރު ކުރީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނެވެ.

ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި މަދުޝަންކަރު ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މަދުޝަންކަރު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަށް އިންކާރުވެސް ކޮށްފައެވެ،

މަދުޝަންކަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު، ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ދާދިފަހުން އޭނާ އާއި ވަނީ ބައްދަލުކޮށްފައެވެ.