ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް އިން ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން އެންޑޯޒް ކޮށްނުދިން މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:00 ގައެވެ. މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގައި ވަނީ ނިންމާލާފައެވެ.

ޕީޕީއެމް އިން ސެޕްޓެމްބަރ މަހުގެ 28 އަދި 29 ވަނަ ދުވަހު މާލޭގައި ޚާއްޞަގޮތުން ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވަނީ ޤާނޫނާއި، ގަވާއިދުތަކުގެ އިތުރުން ޢުޞޫލުތަކާ ޚިލާފަށް ބާއްވާފައިވާ ކޮންގްރެސްއަކަށް ވާތީއާއި، "އިޖުރާއަތުތައް" ފުރިހަމަ ވެފައި ނުވާ ކަމަށްބުނެއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ހައިކޯޓުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވެފައިވަނީ، ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ކުރިއަށްދިޔައީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެގޮތުން ކޮންގްރެސްގެ ކުރިން ބޭއްވި ކުއްލި ކައުންސިލު ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދުގެ ބައެއް މާއްދާތައް އުނިކުރަން ނިންމި ނިންމުމާއި، ކޮންގްރެސްގައި ވޯޓުލުމަށް އަމަލުކުރި ގޮތާއި، 4 ނައިބު ރައީސުން ހޮވުންވެސް ރަނގަޅު ނޫން ކަމަށް އީސީގެ ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕީޕީއެމްގެ މެންބަރުންގެ ދަފްތަރުގައި ނެތް އެތައް ބަޔަކު ކޮންގްރެސްގައި ވޯޓުލާފައިވުމާއި، ކޮންގްރެސްގެ ކުރިން އެ ކޮންގްރެސްގައި ހިންގާނެ ކަންކަން އިލެކްޝަނަށް ތަފްސީލުކޮށް ހުށަހަޅާފައި ނުވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވިއެވެ.

އިލެކްޝަންސްގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވީ، ކޮންގްރެސް ބަލައި ނުގަންނަން ނިންމި ސަބަބުތައް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ޕީޕީއެމް އަށް އަންގާފައި ނުވާ ކަމަށާއި، ކޮންގެރެސް ބަލައި ނުގަތް ސީދާ ސަބަބުތައް އިލެކްޝަނުން ސާފުކޮށްދެއްވީ ހައިކޯޓުގެ ޝަރީއަތުގައި ކަމަށެވެ. އަދި ޕީޕީއެމްގެ ޢާއްމު ކޮންގްރެސްތަކާއި، ޚާއްޞަގޮތުން ބާއްވާ ކޮންގްރެސް ތަފާތެއް ނުވާނެކަމަށް އިލެކްޝަނުން ބުނެފައިވަނީ އަސާސެއްގެ މައްޗަށް ނޫން ކަމަށްވެސް ޕީޕީއެމް އިން ހައިކޯޓުގައި ވިދާޅުވިއެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އިލެކްޝަންސް ކޮމިޝަނުގެ ވަކީލުންނަށް އަމާޒުވެފައިވާއިރު، މި މައްސަލައިގެ ހުކުމަށް ޕީޕީއެމްގެ އިތުރުން އެހެނިހެން ސިޔާސީ ލީޑަރުންވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އުވަދަޅު

    ޕީޕީއެމްއަކީ މައްސަލައެއްތަ.

  2. Miadhu

    އަދި މަޑުކުރޭ މަޖިލިސް އިންތިހާބަށް އިއުލާނުކޮށް ކުރިމަތިލުމުގެ މުއްދަތު ހަމަވަންދެން އެއިރުންތަ އެޕާޓީގެ ފަރާތުން އެއްވެސްމީހަކު ކުރިމަތި ނުލާނީ

  3. ރާގޮނޑިރާޖާ

    އީސީ އަށްވާނަމަ މިހާރު އޮންނާނީ ޕީޕީއެމް އުވާލާފައި ޝަރީފަށް ކެވުނުވަރު މާމަދީ. ޢެހެންނޫނަސް މިރާއްޖޭގައި މިހާރު ޤާނޫނެއް ގަވާއިދެއްއޮވޭތަ ލާރިދިންމީހަކު ބުނާގޮތަކަށް ހުުކުމްތައް ނެރި ގައުމު ހަލާކު ކޮށްލައިފި

  4. ޠަރާ

    މައުމޫން އައް ހަވާލު ކުރިޔަސް ކުރެވޭނީ ތޮށިނަންޑު.

  5. ރުޒާނާ ޗޮއްޕަޓު

    ހުކުމް އެނގޭ. މައުމޫނަށް ދެނީ. ޕާޓީ ހިންގުން ފާރިސްއާ ހަޥާލު ކުރަނީ. ހުކުމް ލިޔުނީ އާޒިމާތަ ރީނދޫ ގުންޑޭޒް؟

  6. ހުސޭނު

    މި ފެންނަނީ ފަންޑިޔާރުގެ މި ވެރިކަމުގަ މިނިވަންވެފާވާވެރު. ކޯޓު އަމުރުގަ ނިންމާނީ ޕޕމގައި ރ.ޔާމިނަކީ އެއްވެސް ބާރެއްއޮތް ބައެއްނޫންކަމާ މައުމޫނައް ޕާޓީ ހިބަކޮއްދޭން. އޭއީ އިބޫގެ ރިޔާސީ ވައުދެއް. އެހެންވީމަ މިދިޔަ މަދުދުވަސްކޮޅު ކޯޓުއަމުރުތައް ނިމުންގޮތައް މިވެސްވާނީ އިއްތިފާގަކުން ވައުދުފުއްދޭ ގޮތް. ހާދަ އިންސާފްވެރި ސޯލިހު ސަރުކާރެކޭ

  7. Abdul Latheef

    ލަސްވަނީ މައުމޫނަށް ފާޓީ ހަދިޔާ ކުރަންވެގެން ކަން އަހަރުމެންނަށް އެގޭ.

  8. ޢަހަންމާ

    ތިދެނަ ވަރަށް ސާފު. ޤާޟީންނާ ނުކެރޭނެ މައުމޫން ނުބުނާގޮތަކަށް މިހާރު ހުކުމް ކުރާކަށް. ސަދޫމް