ނޭޕާލުގެ ތްރިބުވާން އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި، ބަންގްލަދޭޝްގެ ޔޫ.އެސް. ބަންގްލާ އެއާލައިންސްގެ މަތިންދާބޯޓެއް މިދިޔަ ހޯމަ ދުވަހު ވެއްޓުމާ ގުޅިގެން، އެކަމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށާއި، ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޯލީއަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ބަނގްލަދޭޝް އަދި ނޭޕާލުގެ ބޮޑުވަޒީރަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށާއި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

71 މީހުންނާއެކު، ބަންގްލަދޭޝްގެ ޑާކާއިން ނޭޕާލްގެ ކަތުމަންޑޫއަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ވެއްޓިފައިވަނީ، ނޭޕާލުގެ ތްރިބުވާން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު