މިސްކިތް ނިސްބަތް ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިޔާ އަދި އަދީބު ޖަމީލްދީދީގެ ނަންފުޅަށް - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އިސްލާމީ އުންމަތަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ އަސާސަކީ އިސްލާމީ އެއްބައިވަންތަކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އެކުވެރިކަމަކީ ނިއުމަތެކެވެ" މި މައުލޫއަށް މިއަދުގެ ހުތުބާގައި ވާހަކަ ދައްކާފައިވާއިރު, ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތަށް ލިބިފައިވާ ހުރިހާ ކާމިޔާބަކާއި، ކުރިއެރުމެއްގެ އަސާސަކީ އިސްލާމީ އެއްބައިވަންތަންކަމަށާއި، އެކަން ހީނަރުވެގެންދިޔަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމުން ވަނީ ބަލިކަށިވެ، ނިކަމެތިވެފައި ކަމުގައެވެ.

މިކަމާއި ބެހޭ ގޮތުން މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިވެއެވެ.

"އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! (ދެބަސްވެ އަރާރުން ވާނަމަ) ތިޔަބައިމީހުން ފިނޑިވެ ތިޔަބައިމީހުންގެ ބާރު ނެތި ހިނގައިދާނެެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ"

ދިވެހިންނަކީ ޒަމާނުއްސުރެއް އެކުވެރިބައެއް ކަމަށާއި މުސްލިމުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތް ކަމުގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ މުޖުތަމައުގައި އޮންނަ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަމުގެ އަސާސް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. މިއަސާސުގެ މަތީ ދެމިތިބުމަށް އަންގަވައި މާތް ﷲ ވަހީކުރައްވާފައިވެއެވެ.

"ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހަށްޓާށެވެ! އަދި ވަކިވެ ނުގަންނާށެވެ! އަދި ، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން  ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން އަދާވާތްތެރިންކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތަށް އެކުވެރިކުރެއްވިއެވެ. ދެން އެކަލާނގެ ދެއްވި ނިއުމަތުގެ ސަބަބުން ތިޔަބައިމީހުން އަހުންތަކެއް ކަމުގައި ވެއްޖައީމުއެވެ"

އޭގެ އިތުރުންވެސް އިސްލާމީ މުޖުތަމައުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމަށް އުނިކަމެއް އަންނަ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ އިސްލާމީ ރިވެތި އަހުލާޤުތަކާއި ހިލާފު ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

ހަމައެއާއެކު މުސްލިމުންގެ މެދުގައި  އޮންނަންޖެހޭ އެއްބައިވަންތަކަމުގެ އަސާސުކަމުގައި ލައްވާފައި ވާނީ މާތްﷲއަށް އީމާންވުމުގެ އަޤީދާ ކަމަށާއި މުސްލިމުންގެ މެދުގައި އޮންނަ ލޯތްބާއި ހަމްދަރުދީއަކީ އީމާންކަމާއި ގުޅި ލާމެހިފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އީމާން ކަމަކީ އުޙުރަވީ ހަޔާތް ބާއްޖަވެރިވުމުގެ ސަބަބުވެސް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިވި ވަސައްލަމަ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިމަންކަލޭގެފާނު ނަފްސު އެކަލާނގެ ޔަދު ޤުދުރަތްފުޅުގައިވާ ޛާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާނދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން އީމާންވީކަމުގައި ނުވާހުށްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ ، ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުވާނެ ކަމެއް ތިމަންކަލޭގެފާނު ވިދާޅުވަމުހެއްޔެވެ؟ (އެއީ) ތިޔަބައި މީހުން އެއްބަޔަކު އަނެއްބަޔަކާއި ސަލާމްކުރުން އާންމުކުރާށެވެ!"

މުޖުތަމައި ބައިބައިކޮށްލުމަށް މަސައްކަތްކުރާ މީހުން އެބައިމީހުންގެ މުސްލިމު އަހުންނާއި އުހުތުންގެ އަބުރާއި އިއްޒަތަށް އެއްވެސް ގޮތަކަށް  ބަލާލުމެއް ނުބަހަށްޓާނެ ކަމަށާއި  އިންސާނާގެ  ލެއާއި މުދަލާއި އަބުރާއި އިއްޒަތަކީ ހުރުމަތްތެރި ކުރައްވާފައިވާ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިކަން ބަޔާންކުރައްވާ ހައްޖަތުލް ވަދާއުގެ ހުތުބާގައި ރަސޫލާ ހަދީޡް ކުރެއްވި  ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެއާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ އަބުރާ އިއްޒަތަކީ ތިޔަބައިމީހުންގެ މެދުގައި ހުރުމަތްތެރިކުރެވިގެންވާ ކަންކަމެވެ. ޙައްޖުމަހާއި، ޙައްޖު ދުވަހާއި، މާތްވެގެންވާ މައްކާ ހުތުމަތްތެރިކުރައްވާފައިވާ ފަދައިންނެވެ."

ހުތުބާގައި ވަނީ އިސްލާމްދީނުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެ އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމި ތިބުމަށް އެންމެހާ ފަރާތްތަކަށް ވަސިއްޔަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު