ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފައިނޭންސް ކޮންޓްރޯލަރު އަހްމަދު އަސްއަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

އަސްއަދުގެ މައްޗަށް މި އަހަރުގެ މެދުތެރޭގައި ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާގެ މައްސަލައިގަ އެވެ. އެމައްސަލައިގެ ދައުވާ އުފުލާފައި އޮތް ނަމަވެސް އަދި ޝަރީޢަތެއް ނުފަށައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަމް (އޭސީސީ) އިން އަސްއަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވީ ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އަސްއަދު އެންގެވުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގެވުމެވެ.

އެ މައްސަލަ އަނބުރާ ގެންދިޔައީ ފަހުން ލިބުނު ހެކިތަކަކަށް ބަލައި، ބައެއް ކަންކަން، ދައުވާކުރި އަސާސްއާ ފުށުއަރާތީ ކަމަށް ޕީޖީ އިން މިއަދު ވިދާޅުވިއެވެ.

ޕީޖީ އިން މިހެން ވިދާޅުވިއިރު ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަށް ފަހު އޭރު ދައުވާ އުފުލާފައިވާ ގިނަ މައްސަލަތަކާއި ޙުކުމް ކޮށްފައިވާ ގިނަ މައްސަލަތަކެއް ވަނީ ދައުވާ ލިބޭ މީހުންގެ ކޮޅަށް ނިމިފައެވެ. އަސްއަދުގެ މައްސަލައަކީ ވެސް މިފަދަ މައްސަލަތަކުގެ ތެރެއަށް އިތުރުވި މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވޓވގ

    ހަމަ އެއްތާކު ޖެހޭނީ. ކޮރަޕްޝަނޭ ނުކިޔާ ކަލޭމެން.

  2. އަވަސް.

    އެވެސް ހަމަ ރަނގަޅުތަ؟

  3. ބޮލި މުލައް

    ކޮމިޓީން އެފައިސާ ކޮބައިތޯވެސް ބަލާލައްޗޭ

  4. ހުސޭނުބޭ

    އަޅެ ތިކިޔާ ކޮމިޝަނެއްގައި ތިބީ ހުސް ވަގުން! ވީމާ އެމީހުންގެ މައްސަލަތައް ނުބަލާ ކިހިނެއް އެހެން މީހެއްގެ މައްސަލަ ބެލޭނީ!

  5. އަނގަ

    އެންމެ ފުރަތަމަވެސް އަމިއްލަ މީހާގެ މައްސަލަ ފަސްއަޅާ ފޮރުވާލިއެވެ.ނަޒާހަތްތެރިކަން ހުރިވަރު އެއީ...ކިތަމެވަރަކަށް މައްސަލަ އަބުރާ ގެންދިޔަސް އެއީ އަދުލުވެރިންނަކަށް ނުވާނެ

  6. ކަމބުރުވެރިޔާ

    މިއަދު އެ ފަކީރު އޮއްނާނީ ކޮން މައްސަލައެއް އަނބުރާ ފޮނުވާލަން؟ ވަރަށް ހެއްވާ!

  7. އަޙުމަދު ޙަމީދު

    ހެހެހެ. ކޮރަޕްޝަން ބަލާ ކޮމިޓީގެ މެންބަރު؟ ސާބަސް ގައުމު