ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިޙްގެ އައު ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި "ޓެކް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ މަލީޙް ވިދާޅުވީ، އާ މިނިސްޓްރީގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމުގައި އެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ލަފަޔާ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ މި މިނިސްޓްރީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކަމާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯދުމަށްޓަކައި ޓެކް ކައުންސިލުގެ ނަމުގައި ކައުންސިލެއްވެސް އަޅުގަނޑުމެން އުފައްދަން." މަލީޙް ވިދާޅުވިއެވެ.

މަލީޙް ވިދާޅުވީ، ޓެކް ކައުންސިލު އެކުލަވާލައްވާނީ ސަރުކާރުގެ އިދާރާތަކުގައި ހިމެނޭ އެ ދާއިރާއާ ގުޅުންހުރި ބޭފުޅުންނާއި، އަދި އަމިއްލަ ފަރުދުންގެ ތެރެއިން މި ވިޔަފާރީގައި އުޅުއްވާ ބޭފުޅުންނާ އަދި ޒުވާނުންވެސް ހިމެނޭހެން ކަމަށެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓެކް ކައުންސިލު ވެގެންދާނީ ކަމާ ގުޅުންހުރި ހުރިހާ ދައިރާއެއް ހިމެނޭހެން ގާތްގަނޑަކަށް 10 ވަރަކަށް މެންބަރުން ހިމެނޭ މުހިންމު މަސައްކަތްތަކެއް ކުރައްވާ ކައުންސިލަކަށް ކަމަށެވެ.

މިނިސްޓަރ މަލީޙް އިތުރަށް ވިދާޅުވީ، ފުރަތަމަ ޓެކް ކައުންސިލް ވުޖޫދަށް ގެންނަވާނީ ގަވާއިދަކުން ނުވަތަ އުޞޫލެއްގެ ދަށުން ނަމަވެސް، ވިސްނުމަކީ ޤާނޫނީ ބާރުވެރިކަން ލިބޭ ކައުންސިލަކަށް މުސްތަޤްބަލުގައި އެ ކައުންސިލް ބަދަލުކުރެއްވުން ކަމަށެވެ.

އާ ސަރުކާރަށް 10 ދުވަސް ފުރޭއިރު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަކީ އަލަށް އުފައްދާ މިނިސްޓްރީއެއްކަމުން މިހާރު ކުރިއަށްދަނީ މިނިސްޓްރީގެ އިދާރީ އޮނިގަނޑު އެކުލަވާލާ ދައުލަތުގެ މުއައްސަސާތަކުން ހޯދަންޖެހޭ ހުއްދަތަކާއި، އެއްބާރުލުން ހޯދުމުގެ މަސައްކަތަކެވެ.

މިނިސްޓްރީގެ އޮނިގަނޑު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފާސްވެ، އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް މިނިސްޓަރ ލަފާ ކުރައްވާއިރު، އެންސީ އައީޓީގެ އިމާރާތުގައި ވަގުތީ މުވައްޒަފުންނާ އެކު ކުރެއްވި މަސައްކަތުން ޓެކްނޮލަޖީއާ ގުޅުންހުރި ދާއިރާތަކުގެ ގިނަ ބަޔަކާ މިނިސްޓަރ ވަނީ މިހާރުވެސް ބައްދަލުކޮށް މަޝްވަރާ ހޯއްދަވާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ހުރިހާ ކަމެއްވެސް ގުޑް ގަވަރނެންސް ނިޒާމުގެ ތެރެއިން، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މިނިސްޓަރ މަލީހުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އެންސީއައިޓީ ބިންޑިންގ ނޫސްވެރިންނަށް ދައްކާލާފައިވާއިރު، އިމާރާތް ވަނީ ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ކޮމިޝަން އުފައްދާ އަދި ކޮމިޝަން ކާ ސަރުކާރެއް! މޮޅެތި ނަންނަމުގައި ކައުންސިލްތަކާއި ކޮމިޓީތައް އުފައްދާނެ! ވާކަމެއް ހަމަ ހަރާން!

  2. ހާމިދު ޝާހިދު

    ބޭކާރު މިނިސްޓްރީއެއް. މައުމޫނުވެސް އުލުއްވި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ކިޔާ ޟިނިސްޓްރީއެއް ހަދައިގެން. އެތަނަށް އަދި ލައްވައިގެން އުޅުއްވި، ހިސްޓްރީ މާއްދާ ސްކޫލްތަކުގައި ކިޔަވައިދެއްވަން އުޅުއްވި ތިމާގެ ބޭފުޅެއްކަމަށްވާ މިދުހަތު ހިލްމީ ވެސް. ރާއްޖެއަށް ބޭނުންވަނީ މިފަދަ މިނިސްޓްރީ ތަކެއްނޫން. މިފަދަ އެޖެންސީތަކެއް. ރަނގަޅަށް މަސައްކަތް ކުރެވޭނެ މާހައުލެއް. ރިސަރޗަރުންނާއި، ކޯޑް ކުރާ މީހުން އެމީހުންގެ މަސައްކަތް ތަރައްގީކުރާނެ މާހައުލެއް.

  3. އަބޯ

    ތިޔަ ކައުންސިލުން ރާއްޖޭގަ ކުރެވޭނެ މާބޮޑުބޭނުމެއްނެތް .ތިޔަ މިނިސްޓްރީ އަކީވެސް މަލީހަށް މަގާމެއްދިނުމަށް އުފެއްދުނުތަނެއް މުސާރަކޮޅު ޖީބަށްލައިގެން ހުރީމަ ނިމުނީ 5 އަހަރު ކެތްކޮށްލާ 2008 ގެ ސަރުކާރުގާ ޖަމީލަށް ވީވަރު ނުވެއްޖިއްޔާ ރަނގަޅު

  4. ނުރަބޯ

    ރީނދޫ މަސްހުނި ސަރުކާރުން ކުރާތީ މިފެންނަނީ ހަމަ ކުރީގެ ރީނދޫ ސަރުކާރުން ވެސް ކުރި ކަންތައްތައް، އެއީ ކުންފުނިތަކާ ކަމިޝަން ތަކާ ކޯޕަރޭޝަންތައް އުފެއްދުން. އޭގެ ބޭނުމަކީ އެމީހުން ގެ އެކްޓިވިސްޓުން ގެ ތެރެއިން ބަޔަކަށް ވަޒީފާ ހަމަޖައްސައިދިނުން. ރައީސް ޔާމީން ގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ރައްޔިތުންނަށް ފައިދާ ހުރި ބޮޑެތި މަޝްރޫޢު ތައް ކުރިޔަށް ގެންދިޔުމުގެ ބަދަލުގައި އަދިހަމަ ބޮޑުމަންޒަރު ދެއްކުން ނޫންކަމެއް ކުރާތީއެއް ނުފެނެއެވެ. މިއީ ދިވެހިރައްޔިތުން އަމިއްލައަށް ލިބިގަތް ހަލާކެކެވެ.

  5. އަލީ

    ބޮޑުވަގު މަލީހު ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައި އަގަތަޅާނިކަމެއްނެތް