ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ދައުލަތުން ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ވިސާމްގެ އިސްތިއުނާފް މައްސަލަ އަނބުރާ ގެންދަން ނިންމީ އެމައްސަލަ ކުރިއަށް ގެންދަން ނުފެންނަކަމަށް ޕީޖީއަށް ފެނިވަޑައިގަތުމުން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ވިސާމްގެ މައްސަލަ ޕީޖީ އިން އަނބުރާ ގެންދިޔަ އިރު އޭނާ މިހާރު ގެންދަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ލ.ގަމު ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީ ޕްރައިމަރީ އަށް ތައްޔާރުވަމުންނެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި މައްސަލައިގައި ވިސާމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް ވަނުމުންނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވިސާމް ހައްޔަރު ކުރި ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ތިބި މަންޒަރު ވީޑިއޯތަކުން ފެންނަ ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

އަދި ވިސާމްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފޫޓޭޖްގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ވީޑިއޯގެ ސައްޚަ ކަމާ މެދު ގާޒީ ވަނީ ސުވާލު އުފައްދަވާފައެވެ.

އެމައްސަލަ ވިސާމްގެ މައްޗަށް ސާބިތުނުވި ނަމަވެސް އެހެން މައްސަލައެއްގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ ވިސާމް ވަނީ 28800 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަށް ފަހު އޭރު ދައުވާ އުފުލާފައިވާ ގިނަ މައްސަލަތަކާއި ޙުކުމް ކޮށްފައިވާ ގިނަ މައްސަލަތަކެއް ވަނީ ދައުވާ ލިބޭ މީހުންގެ ކޮޅަށް ނިމިފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ވަނީ ދައުވާ ލިބުނު މީހުން ބޭނުންވި ގޮތައް ޕީޖީ އިން އަނބުރާ ގެންގޮސްފައެވެ.