ވަގު ޓިކެޓުތަކެއް ވިއްކާފައި ވާތީ އަޝްކޮއި ޤުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން އުޅެ ނުފުރުނު މީހުން މާދަމާގެ ވަގުތެއްގައި ފުރުވާލަން އެގުރޫޕުން ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ބައެއް މީޑިއާތަކަށް މައުލޫމަތު ދެއްވި އަޝްކޮއި ގްރޫޕުގެ އޮފިސަލަކު ވިދާޅުވީ ޓިކެޓުގެ މައްސަލައިގައި ނުފުރުނު 50 މީހުންނަށް މާދަމާގެ ހެނދުނަށް ޓިކެޓް ލިބި ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

އަޝްކޮއި ގްރޫޕުން ބުނެފައިވާގޮތުގައި އުމްރާވެރިން ފުރަން ހަމަޖެހިފައި އޮތީ މާދަމާ ހެނދުނު 9:30 ގައި ފުރާ ސްރީލަންކަން އެއާލައިންގެ މަތިންދާބޯޓުން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އަޝްކޮއި ގްރޫޕުގެ އޮފިޝަލަކަށް "ވަގުތު" އިން ތަކުރާރުކޮށް ގުޅުމުންވެސް ފޯނައް ޖަވާބު ދެއްވައިފައި ނުވުމުން އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

ވަގު ޓިކެޓްތަކެއް ހުރުމުން އަޝްކޮއި ގްރޫޕުގެ ހަވާލުގައި މިމަހުގެ 25 ވަނަ ދުވަހު އުމްރާއަށް ފުރަން އުޅެ 50 މީހުންނައް ނުފުރުނު މައްސަލަ ފުލުހުން ތަހުޤީގުކުރަމުން އަންނަ އިރު އެމައްސަލައިގައި ޓިކެޓް ވިއްކި ކުންފުނީގެ އިސްވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.

އުމްރާއަށް ނުފުރުނީ 50 މީހުންނަށް ކަމަށް ވީނަމަވެސް ފުލުހުން ވިދާޅުވީ އުމްރާ އަށް ފުރަނަ އުޅުނު މީހުންނަށް 168 ސައްހަ ނޫން ޓިކެޓް ވިއްކާފައިވާ ކަމަށެވެ.