މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 23:45 އިން ފެށިގެން ފަތިހު 05:00 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިރޭ ވިދާޅުވީ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދެކުނަށް ކެރީގެ އަސަރު ފޯރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ވައިޖެހޭނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 0 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.