ނަފްސާނީ ދުޅޮހެޔޮ ކަމުގެ ގައުމީ ސިޔާސަތާއި ސްޓްރެޓިޖިކް ޕްލޭން ތަންފީޒް ކުރުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓަރ އަބުދުﷲ އަމީން މަޝްވަރާކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ނޭޝަނަލް މެންޓަލް ހެލްތު ޕްރޮގްރާމްގެ އިސްފަރާތްތަކާއި، ސައިކޭޓްރިސްޓް ޑރ. އާރިފް މުހައްމަދު އާއި ސައިކޭޓްރިސްޓް ޝަނޫހާ މަންސޫރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތަކީ، ނަފްސާނީ ބަލި މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ނަފްސާނީ ބަލިތަކުން ރައްކާތެރިކުރުމަށާއި، ނަފްސާނީ ބަލިމީހުންގެ އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.

މި ސިޔާސަތު އެކުލަވާލާފައިވަނީ، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެކިއެކި ފަރުދުންގެ އެހީގައެވެ. އެގޮތުން މި މަސައްކަތް ކުރުމުގައި މައިގަނޑު 7 ކަމަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ،އިސްނެގުމާއި، ވިލެރެސްކުރުން، ނަފްސާނީ ސިއްޙަތު ކުރިއެރުވުމަށް ބޭނުންވާ މާލީއެހީތަކާއި، ވަސީލަތްތަކާއި، ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމަށް ކުރެވިދާނެ ކަންތައްތަ ކުރުން ހިމެނެއެވެ.

އަދި ނަފްސާނީ ބަލި މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ އިތުރުން ނަފްސާނީ ބަލިތަކާއި ގުޅުންހުރި މައްސަލަތަކާއި، ނަފްސާނީ ސިއްޙަތުގެ ޚިދުމަތް އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމަށް އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ނަފްސާނީ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމަށް މި ސިޔާސަތުގައި އިސްކަންދެއްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ވަނީ މިކަންތައްތައް ފާހަގަކުރައްވާ، މި ކަންތައްތައް ހާސިލް ކުރުމުގައި ފޯރުކޮށްދޭންޖެހޭ އެހީތައް އޮޅުންފިލުއްވާލައްވާފައެވެ.

އަދި މެޓަލް ހެލްތު ސަރވޭ އާއި ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފެއްދުމުގައިވެސް ކުރަންޖެހޭ މަސައްކަތްތަކާއި، އައިޖީއެމްއެޗްއިން ދެވޭ މެންޓަލް ޚިދުމަތް ފުޅާކޮށް، މި ދާއިރާއިން މީހުން ތަމްރީންކޮށް، އާއްމު ރައްޔިތުންނަށް މެންޓަލް ހެލްތާއިމެދު ހޭލުންތެރިކަން އިތުރުކުރާނެ ގޮތްތަކާއި މެދު މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.

ނަފްސާނީ ދުޅޮހެޔޮ ކަމުގެ ގައުމީ ސިޔާސަތާއި ސްޓްރެޓިޖިކް ޕްލޭން ތަންފީޒް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނީ

    ނ މަނަދޫ ހޮސްޕިޓަލްގައި މަސައްކަތްކުރާތާ 13 އަހަރު! ރައީސް ޔާމީންގެ ޒަޢާމަތަކީ މިހާތަނަށް މި ހޮސްޕިޓަލް ދުށް އެންމެ ފަހި ދުވަސްތައް! އަލަށް އެތަކެއް ފަރުވާ ތަޢާރަފްކުރެވި ދޭންފެށުނު! ޑޮކްޓަރުން ނަރުހުން ހަމަޔަށް ލިބުނު! ރައީސް ޔާމީންގެ ޒަޢާމަތު ބަޔަކު ޖަހާގަތްފަހުން މިވީ އަދި 10 ވަރަކަށްދުވަސް! މިހާރުވެސް އަންހެނުންގެ ޑޮކްޓަރެއް ، ކުޑަކުދިންގެ ޑޮކްޓަރެއް ، އެތެރެހަށިގެ ޑޮކްޓަރެއް މިތާނެތް! މިއީ އަދި ފެށުން! ދެން ލިބޭނޭ އަނރޫފަކަން ބަޔާންކުރަންވެސް ދަތި! ދުޅަހެޔޮކަމޭ ކިޔާނޭކަމެއްނެތް! ދެން ލަލަލާ