ރައްޔިތުންގެ މަޖިލީޙުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ.

ދެބޭފުޅުން ޖޭޕީ އަށް ސޮއި ކުރެއްވީ ޖޭޕީގެ ޖަގަހައިގައި މިރޭ ވަކިވަކިން ބޭއްވި ދެރަސްމިއްޔާތެއްގައެވެ.

މިރޭ މަޖިލީހުގެ ދެމެންބަރު ޖޭޕީ އަށް ސޮއިކުރެއްވުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޖޭޕީގެ މެމްބަރުންގެ އަދަދު މިހާރުވަނީ 18 އަށް އަރާފައެވެ.

މަޖިލީހުގެ ކުރީގެ ރައީސް މަސީހް ވަކިކުރަން ސޮއި ކުރުމުން ޕީޕީއެމް އިން ވަކިކޮށް ގޮނޑި ގެއްލުވާލި މެންބަރުންގެ ތެރޭގައި ޝާހް ހިމެނެއެވެ. ސުޕްރީމް ކޯޓުން އޭނާ ވެސް ހިމެނޭ ގޮތައް ހުރިހާ މެންބަރުންގެ ގޮނޑި މިހާރު ސަލާމަތް ކޮށްދީފައި ވާއިރު ޕީޕީއެމް އިން ވަކިކުރި ފަހުން ޝާހް ހުންނެވީ އެއްވެސް ޕާޓީ އަކާއި ގުޅިވަޑައިނުގެން މިނިވަން މެންބަރެއްގެ ގޮތުގައެވެ.

ހުސައިން މަނިކު ދޮންމަނިކަކީ ޕީޕީއެމްގެ މެންބަރެކެވެ. ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެވުނު ނަމަވެސް ފަހަކަށް އައިސް އޭނާ ޕީޕީއެމްގެ ހަރަކާތްތަކުން ނުފެނެއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ހުސައިން މަނިކު ޕީޕީއެމް އިން ވަކިވެއްޖެ ކަމުގެ އަޑުތައް ފެތުރުނެވެ. އޭނާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް އިސްދައުރެއް އަދާކުރި މަންޒަރެއް ނުފެނެއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހު ވިދާޅުވީ، ޖުމްހޫރީ ޕާޓިއާ ގުޅިވަޑައިގެން ޕާޓީއަށް ސޮއިކުރެއްވި ކަމުގައިވިޔަސް ހަގީގަތުގައި އޭނާ ގުޅިވަޑައިގެންނެވީ އެކުގައިވާ ހަތަރު ޕާޓީއާ ކަމަށެވެ. ކޯލިޝަނަށް ތާއީދުކޮށް ގައުމުގެ އިސްލާހަށްޓަކައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

ފަހަކަށް އައިސް ޖޭޕީ އާއި ގުޅޭ މަޖިލިސް މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މިކަލޭގެ މިއުޅެނީ ކޮންބޭނުމެއްގަ ބާ؟

  2. ބޮލި މުލައް

    ޓެކުހަށް މަކަރުހަދާ އެފައިސާއިން މެމްބަރުން ގަންނަނީ

  3. ދެފުށްފެންނަ

    ޙުސައިންމަނިކު އެއީ މަޖިލީހުގެ ގޮނޑި ހޫނުކުރައްވާ ބޭފުޅެއްކަމަށް ދާއިރާގެ ރައްޔިތުން އިއްތިފާޤުވޭ. މީ އަލިއްލަ އެދުން ބޮލަށްއަރުއްވާފައި ހުންނަވާ ބޭފުޅެއް. ދާއިރާގެ ކުރިއެރުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ބޭފުޅެއްނޫން. ގިނައިން ހައްދަވާނީ ދޮގު. ދުނިޔެ ކަމުންއެދަނީ މަކަރާޖައިގެން. ދެން ގުރައިދޫ ދާއިރާއިން ސަލާން.