ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން ޖުމްހޫރީ ޕާޓީއާއި މިއަދު ގުޅިވަޑައިގަންނަވައިފިއެވެ.

ޖޭޕީގެ ޕާލަމެންޓަރީ ގުރޫޕު ލީޑަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އުމަރު ހުސައިންނަށް މަރުހަބާ ދަންނަވާފައެވެ. މެމްބަރު އުމަރު އަކީ މީގެކުރިން އެމްޑީއޭގައި ހުންނެވި މެމްބަރެެކެވެ.

ޖުމްހޫރީ ޕާޓީއަށް މިއަދު އުމަރު ހުސައިން ސޮއިކުރައްވާފައިވާއިރު، ފަހަކަށް އައިސް ޖޭޕީ އާއި ގުޅޭ މަޖިލިސް މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީޙުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވަނީ ރޭ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.

ޖޭޕީއަށް ސޮއިކުރެއްވި އިތުރު މެމްބަރުންގެ ތެރޭގައި، ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިނާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ,މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީއާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިނެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހިމެނި ވަޑައިގަންނަވައެވެ.

މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގައި ބޭއްވުމަށް ތައްޔާރުވަމުން ދާއިރު ސެޕްޓެންބަރު މަހުގައި ބޭއްވި ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ވަނީ އެއްބަސްވުމެއް އެކުލަވާލައްވައިފައެވެ. އެ އެއްބަސްވުމުގައި ވަނީ މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފަ އެވެ.

87 ގޮނޑިއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ފަހު ކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަމަރސް

    ގިނައިން ކާން އުޅޭ މީހުން އުޅޭނީ ތިހެން