ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކުރި ދިރާސާ އިން އެންމެ މަތިން މާކްސް ހޯއްދެވި ފަރާތަކަށް ފާތުމަތު އާމިރާ ވެއްޖެއެވެ.

ސީއެސްސީ އަށް އައްޔަން ކުރުމަށް ގާބިލް މީހެއް ކަމަށް ކޮމިޓީން ކަނޑައަޅާފައިވަނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާނަމައެވެ. އެގޮތުން އާމިރާ އަށް ވަނީ 89 ޕަސެންޓް މާކްސް ލިބިފައެވެ. އާމިރާގެ އިތުރުން އެހެން ދެ މީހަކަށް ވެސް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވެއެވެ.

އެގޮތުން ތ. ހިރިލަންދޫ، ލިލީގޭ އަބްދުއްރަހީމް ހަސަނަށް 83.4 ޕަސެންޓް ލިބުނުއިރު މ. ވެލަގަލި މުހައްމަދު މާހިދު ޝަރީފަށް ލިބުނީ 79.5 ޕަސެންޓު މާކްސްއެވެ.

ކޮމިޓީން މިގޮތަށް ނިންމެވި ނަމަވެސް ސީއެސްސީ އަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުންނެވެ.

އާމިރާ އަކީ ސީއެޗްއެސްސީގެ ޕްރިންސިޕަލްކަމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް މަގާމުތައް ވެސް ފުރުއްވާފައިވާ ފަރާތެކެވެ.

ސީއެސްސީ އަށް މެމްބަރަކު އައްޔަން ކުރަނީ، އެ ކޮމިޝަނުގެ މެމްބަރަކަށް މިހާރު ހުންނެވީ ފާތުމަތު ރީނީ އަބްދުއްސައްތާރުގެ ދައުރު މި މަހު ހަމަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މަރުޙަބާ! އާމިރާއަކީ ސީއެސްސީ ހިންގެވި ވަރަށް ހަރުދަނާ ވެރިއެއް! ތަޢުލީމީ ދާއިރާގެ އަޔަންލޭޑީ! އުއްމީދުކުރަން ދެންވެސް އެފަދައިން ސާބިތުކަމާއެކީ ވާޖިބުއަދާކުރައްވާނެކަމަށް!