އަންހެނުން މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑުން ނަގާ ޓެކްސް އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަތީ 65 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ބަލައިގަތުމުން މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ.

ޕެޑުން ނަގާ ޓެކްސް އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގައި ހިމެނޭ ކަމެކެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަށް ވެސް މީގެކުރިން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެއްވެސް ޓެކުހެއް ނަގަން ނުވަތަ އުނިކުރަން ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.

ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި މިހާރު ނުބަލާއިރު، ޕެޑުން ހަ ޕަސެންޓް ޖީއެސްޓީ މިހާރު ނަގަމުންދެއެވެ.